ފްލައި ދުބައިގެ ފްލައިޓެއް
ފްލައި ދުބައިގެ ފްލައިޓެއް
ދުނިޔެ 06 Oct 2026 | 08:12

ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭ އިސްރާއީލުގެ ދެ މަސްދަރަކާ ހަވާލާދީ ސީބީއެސް އިން ބުނެފައިވަނީ، މި ހާދިސާ ހިނގީ ބޯޓުގެ ކޯ-ޕައިލެޓް، ކެޕްޓަނަށް ވަޅިން ހަމަލާދީ ބޯޓުގެ ކޮންޓްރޯލް އަތުލަން އުޅުމުގެ ތެރޭގައެވެ. މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ ކުއްލިއަކަށް 14،000 ފޫޓު ތިރިއަށް ވެއްޓިގެން ގޮސްފައެވެ.

ކޮކްޕިޓާ ގުޅަން ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، އިސްރާއީލުން ވަނީ އެމީހުންގެ ވައިގެ ސަރަހައްދު ބަންދުކޮށް، އަސްކަރީ ޖެޓްތައް އެ ސަރަހައްދަށް ފޮނުވާފައެވެ. އިސްރާއީލުގައި އޮންނަ އުސޫލުގެ ދަށުން، އެމެރިކާގެ ސެޕްޓެމްބަރު 11 ގެ ހަމަލާ ފަދަ ހަމަލާއެއް ދިނުމަށް ފަސިންޖަރުން އުފުލާ ބޯޓެއް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި، އެ ޖަމާއަތުން ފަލަސްތީނު އަތުން ފޭރިގެން ހަދާފައިވާ ތަންތަން ހިމާޔަތްކުރުމަށް އެފަދަ ބޯޓުތައް ވައްޓާލުމުގެ ހުއްދަ އޮވެއެވެ. މިއީ އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ބޮޑުވަޒީރު ނިންމަން އެންމެ ފަހުގެ ނިންމުމެކެވެ.

މަސްދަރުތަކުން ސީބީއެސް އަށް މައުލޫމާތު ދެމުން ބުނީ، އިސްރާއީލުގެ މަޝްހޫރު އަޒްރިއޭލީ އިމާރާތްތަކަށް ނުވަތަ އެއާޕޯޓަށް އެ ބޯޓު ވައްޓާލަން އެމީހުން ތައްޔާރުވިއެވެ.

ނަމަވެސް، އެ ބޯޓުގެ މިސްރާބު ސައޫދީ އަރަބިއްޔާއާ ދިމާއަށް ބަދަލުވުމުން އިސްރާއީލުގެ އަސްކަރީ ޖެޓްތައް ވަނީ އަނބުރާ ގެންގޮސްފައެވެ. އެއާއެކު ސައޫދީ އަރަބިއްޔާގެ އަސްކަރީ ޖެޓްތައް ވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެ ބޯޓު ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް