ގޮތް ނޭނގޭ ބަލީގެ ޝިކާރައަކަށް ވެފައިވާ ބައެއް-- ފޮޓޯ: ގެޓީ އިމޭޖަސް
ގޮތް ނޭނގޭ ބަލީގެ ޝިކާރައަކަށް ވެފައިވާ ބައެއް-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ 22 Dec 2024 | 11:48

ޔުގަންޑާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ!

ޔުގަންޑާގެ ބުންދިބުގްޔޯ ސަރަޙައްދުގައި ގޮތް ނޭނގޭ އާދަޔާ ޚިލާފު ބައްޔެއް ފެތުރެން ފަށައިފިއެވެ.

ގިނަ އަދަދެއްގެ އަންހެނުން މި ބަލީގެ ޝިކާރައަކަށް ވެފައިވާއިރު، ވައިރަހަކުން ޖެހޭ މި ބަލި، މިހާތަނަށް 300 އެއްހާ މީހުންނަށް ވަނީ ޖެހިފައެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ކޮންޓްރޯލް ނުކުރެވި ގަދައަށް ތުރުތުރު އެޅުމާއި، ހުން އައުމާއި، ހަށިގަނޑުގެ ވާގިނެތުން ހިމެނެއެވެ.

"ދިންގާ ދިންގާ" ގެ ނަމުން ނަން ދީފައިވާ މި ބަލީގައި މިހާތަނަށް މީހަކު މަރުވެފައިވާކަން ރިޕޯޓްކޮށްފައިއެއް ނުވެއެވެ.

އެ ސަރަހައްދުގެ  ޞިއްޙީ އޮފިސަރު ޑރ. ކިޔިތާ ކްރިސްޓޯފަރ ވިދާޅުވި ގޮތުގައި، މި ބައްޔަށް މިވަގުތު ފަރުވާދެމުން ގެންދަނީ އެންޓިބަޔޮޓިކްސް ބޭނުންކޮށްގެންނެވެ. މި ބައްޔަށް ފަތްޕިލާވެލީގެ ބޭހުން ފަރުވާއެއް އޮތްކަމަށް ދައްކުވައިދޭ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް މިވަގުތު ނެތްކަމަށާއި، މި ބަލި ޖެހޭމީހުންނަށް ޚާއްސަ ފަރުވާއެއް ދެމުންދާއިރު، ބަލިން ރަނގަޅުވުމަށް  ހަފްތާއެއްވާކަމަށް ވެސް އޭނާ ބުންޏެވެ.

ޑޮކްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބުންދިބުގްޔޯއިން ބޭރުގައި މި ބަލީ ގެ އެއްވެސް ކޭސްއެއް ފާހަގަކުރެވިފައެއް ނުވެއެވެ. މީގެ ސާމްޕަލްތައް ތަޙްލީލުކުރުމަށް އެގައުމުގެ ޞިއްޙަތު މިނިސްޓްރީއަށް ފޮނުވާފައިވާއިރު، މިކަމާއި ގުޅިގެން މިނިސްޓްރީން މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މިއީ އިންފްލުއެންޒާ، ކޮވިޑް-19، މެލޭރިއާ ނުވަތަ ޗިކުންގުންޔާ ފަދަ ނޭވާލާ ނިޒާމާ ގުޅުންހުރި ބައްޔެއްތޯ ބެލުމަށް ތަޙްޤީޤުތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް ލެބޯޓްރީ ނަތީޖާތައް ލިބެންދެން މި ބައްޔަކީ ކޮބައިކަން ނޭނގޭ ކަމަށް ކަމާއި ގުޅޭ ފަރާތްތަކުން މައުލޫމާތުދެއެވެ.

މި ބައްޔާއި ދާދި އެއްފަދަ ހާދިސާއެއް  1518 ވަނަ އަހަރު ފްރާންސްގެ ސްޓްރާސްބޯގްގައި ހިނގާފައިވާއިރު، މި ހާދިސާއަށް ދީފައިވާ ނަމަކީ"ޑާންސިންގ ޕްލޭގް" އެވެ. މި ޙާދިސާގައި މީހުން ދުވަސްތަކެއް ވަންދެން ހުއްޓުމެއް ނެތި "ނަށަމުން" ގޮސް، ވަރުބަލިވުމުގެ ސަބަބުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް