ވާދައެއް ވޯޓެއް ނެތް؛ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިހާބުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިހާބަކާނުލާ ހޮވިއްޖެެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ކުރިމަތިލި ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް، ދެ ކެންޑިޑޭޓުންނެވެ.
އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، އެ މަގާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުންނެވެ. އަދި މި ފަރާތްތައް އިންތިހާބުވެފައިވާކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބު ވެފައިވަނީ، ށ. ފޭދޫ، މޫނިމާގެ އަބްދުލްޢަޒީޒް އިބްރާހީމް އާއި ގދ. ތިނަދޫ، މަލަ, ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބުވެފައިވަނީ، ގދ. ރަތަފަންދޫ، ވެލީގެ ސިމާޙާ ނަސީމް އާއި ހދ. ވައިކަރަދޫ، ހިސާން, ޙުސައިން ޘަޤީފްއެވެ.
މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އިންތިހާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ އިންތިހާބެކެވެ. އެހެން ކަމުން ހޮނިހިރު ދުވަހުގެ އިންތިހާބެއް ދެން ނޯންނާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް