ރައީސް މައުމޫންގެ ފަރާތުން ނެރޭނީ 30 އަށްވުރެ ގިނަ ކެނޑިޑޭޓުން
އަންނަ މަޖިލިސް އިންތިޚާބަށް ކުރީގެ ރައީސް މައުމޫންގެ ފަރާތުން ނެރޭނީ 30 އަށްވުރެ ގިނަ ކެނޑިޑޭޓުންކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ އަބްދުލްއަލީމް ވިދާޅުވީ ނެރޭނޭ ކެނޑިޑޭޓުންގެ އަދަދު މިރޭ ކަނޑައެޅިގެންދާނެކަމަށެވެ. ނަމަވެސް އެ އަދަދު ތިރީހަށްވުރެ ގިނަވާނެކަމަށް އަލީމް ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ތާއިދުކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ޚާއްސަ ސިޓީއެއް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމެއް ވަކިން ނެތްއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަކިވަކިން ޕާޓީތަކާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެހެން ޕާޓީތަކުގެ އަމަލުހުރީ އެ އެއްބަސްވުންތަކާއި އެއްގޮތަށް ނޫންކަން ރައީސް މައުމޫން ފާާހަގަކުރެއްވިއެވެ.
އެގޮތުން އެމްޑީޕީއިން 86 ދާއިރާއަށް ވާދަކުރާއިރު އަދި ޖުމްހޫރީ ޕާޓީ 36 ދާއިރާއަށް ވާދަކުރާކަން ހާމަކުރިއިރު އެއީ އެއްބަސްވުމުގައި އޮތް އުސޫލު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެމްއާރްއެމްއަށް ވެސް ބޭނުން އަދަކަށް ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް