ސިއްހީ ހިދުމަތް ގޯސްވުމުގައި މިދިޔަ ސަރުކާރުގެ އިހުމާލުބޮޑު: އަމީން
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގައި ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ސިއްހީ ދާއިރާއަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނީ ނިިމިދިޔަ ސަރުކާރުން އެ ދާއިރާއަށް އިހުމާލުވުމުގެ ސަބަބުންކަމަށެވެ. އެގޮތުން އެއް މިސާލުގެ ގޮތުގައި އަމީން ދެއްކެވީ ވަސީލަތްތައް ހަމަނުވަނީސް ގިނަ ސިއްހީ މަރުކަޒުތައް 24ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ބަދަލުކުރުމެވެ.
އަމީން ވިދާޅުވީ މި އިން އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުންނާއި ބަޖެޓު ފޯރުކޮށްދީފައެއް ނުވާކަމަށާއި ވަސީލަތް ފޯރުކޮށްދީފައެއް ނުވާކަމަށެވެ.
"އެއްކަލަ އަށް ގަޑިއިރު ހިދުމަތް ދޭ ތަންތަން ކުއްލިއަކަށް 24 ގަޑިއިރަށް އިތުރުކުރީމަ އެންމެ ހަތަރު ނަރުހުންނާ އެކީ ކިހިނެއްތޯ ހިދުމަތް ދޭނީ"، އަމީން ފާހަގަކުރެއްވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތް ރަނގަޅު ކުރެވޭނީ، ރަނގަޅު ކުރުމުގެ ވިސްނުން އޮވެ ތަސައްވަރެއް އޮވެގެންކަމަށާއި ހަމައެކަނި ފައިސާ ހުރެގެން ކަންކަމަށް ފައިސާ އޮއްސާލައިގެންނެއް ނޫންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް