19ވަނަ މަޖިލީހުގެ ފުރަތަމަ އެޖެންޑާ: މޯދީ އަށް ހާއްސަކުރެވިފައި
ރޭ ހުވާކުރެވިގެންދިޔަ ރައްޔިތުންގެ މަޖިލިސްގައި އެޖެންޑާކުރެވުނު ފުރަތަމަ ކަމަކަށް އިންޑިއާގެ ބޮޑު ވަޒީރަށް ހާއްސަކުރެވިއްޖެއެވެ.
އެގޮތުން މިއަދު ހެނދުނު 10 އަކަށް އެޖެންޑާކޮށްފައިވާ މަޖިލިސް ޖަލްސާގައި އެޖެންޑާގައި ފުރަތަމަ ކަމަށް އެޖެންޑާކުރެވިފައިވަނީ މޯދީގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވަ ތަޤްރީރުކުރެއްވުމަށް ދަޢުވަތުދެއްވުމަށް މަޖިލީހަށް ފެންނަ ގޮތަކާމެދު ގޮތެއް ނިންމެވުމާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 8 އަށަކަށެވެ.
މީގެ ކުރިންވެސް އެމްޑީޕީގެ ވެރިކަމުގައި 2008 ވަނަ އަހަރު ވަނީ އިންޑިއާގެ ބޮޑުވަޒީރު މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.
މިއަދު ކުރިއަށް ދިޔަ ބަހުސްގައި މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވަން މަޖިލީހުގެ މެމްބަރުންވަނީ ތައީދުކުރައްވައިފައެވެ.
މޯދީ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ ެމްބަރުންނާއި މިނިވަން މެމްބަރުންވެސް ވަނީ ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އަންނަ މަހުގެ 7 އިން 8 އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް