ޔޫއޭއީގެ އެމްބަސީއެއް ގާއިމްކުރަން ހުުޅުމާލެއިން ބިމެއް ދޫކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.
ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށެވެ.
އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީއެވެ. މީގެ އިތުރުން މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށްވެސް ޑިޕްލޮމެޓިކް އެންކްލޭވްގެ ސަބަބުން ލުއިކަމެއް ލިބިގެންދާނެއެވެ.
ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުޞޫލުންނެވެ.
މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޗައިނާއަށް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް