ދުވާ ޓްރެކަށް 9 މިލިއަން ހަރަދު ކުރިކަން އަންގާފައެއް ނެތް- މުއިއްޒު
މާލޭގެ ރަސްފަންނު ސަރަހައްދުގައި އޮންނަ ދުވާ ޓްރެކް ހަދަން އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ހަރަދު ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން، ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ.މުއިއްޒު ވިދާޅުވީ، ޖޮގިން ޓްރެކްގެ މަޝްރޫއުއަށް ހަރަދު ކުރި ވަރު އޭރުގެ ހައުސިން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ. އަދި އާސަންދަ ކުންފުނިން އެކަމަށް 9 މިލިއަން ހަރަދު ކުރިކަން އެނގިވަޑައިގަތީ އެވާހަކަ ނޫސްތަކުން ފެނިވަޑައިގަތުމުން ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓަށް ހަރަދު ކުރި ވަރު އެއްވެސް ވަރަކަށް 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހައުސިން މިނިސްޓްރީއަށް އެނގިފައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ.މުއިއްޒު ވިދާޅުވީ، އޭރުގެ ސަރުކާރުން، ޖޮގިން ޓްރެކް ހަދަން އެންސްޕާއާ ހަވާލު ކުރީ 3 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނުވާނެ މިންވަރަކަށް، ބަޔަކާ ހަވާލުކޮށްގެން އެންސްޕާގެ ބެލުމުގެ ދަށުން އެމަޝްރޫއު ކުރިއަށް ގެންދަން ކަމަށެވެ.
ރަސްފަންނުގައި ޖޮގިން ޓްރެކް ހެދުމަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި އެ ފައިސާ އަނބުރާ ނުލިބޭ ކަމަށް އާސަންދަ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަ ޕްރައިސަސް ކޮމެޓީގައި މިއަދު ވަނީ ބުނެފަ އެވެ. އަދި އެކަމުގައި ގާނޫނާ ޚިލާފް ކަންކަން އެބަހހުރި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް