ފިލިޕީންސްއަށް އައި ބާރުގަދަ ބިންހެލުމުގެ ފަހުން އިމާރާތްތައް ހަލާކުވެފައި
ފިލިޕީންސްއަށް އައި ބާރުގަދަ ބިންހެލުމުގެ ފަހުން އިމާރާތްތައް ހަލާކުވެފައި
ދުނިޔެ 09 Jun 2026 | 03:51

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުން: 32 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފިލިޕީންސްގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ މިންޑަނާއޯއަށް ހޯމަ ދުވަހުގެ ހެނދުނު އައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމުގައި، މިހާތަނަށް 32 މީހުން މަރުވެ 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ސަރަންގަނީ ޕްރޮވިންސާ 20 ކިލޯމީޓަރު ދުރަށެވެ. މި ބިންހެލުމުގެ ލޮޅުންތައް މިންޑަނާއޯގެ ބޮޑު ސަރަހައްދަކަށް އިހުސާސް ކުރެވުނުއިރު، 420 ކިލޯމީޓަރު ދުރުގައި އޮންނަ އިންޑޮނޭޝިއާގެ ސުލަވެސީ އަށް ވެސް ވަނީ ބިންހެލުމުގެ އަސަރުކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރެންޓެއް ކަމަށްވާ "ޖޮލިބީ" ގެ އިމާރާތެއްވެސް ވަނީ ބިންމާ ހަމަވެފައެވެ. މި ހާދިސާގައި 22 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 10,000 އެއްހާ މީހުން ވަނީ އެ ސަރަހައްދުތަކުން ބަދަލުކޮށްފައެވެ.

މި ބިންހެލުމާ ގުޅިގެން ފިލިޕީންސް، އިންޑޮނޭޝިއާ، އަދި މެލޭޝިއާގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. ޖަޕާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް ކުދި ރާޅުތަކެއް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ހަ ގަޑިއިރަށްފަހު ސުނާމީގެ އިންޒާރު ވަނީ އުވާލާފައެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބިންހެލުން އައި ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްވެސް ރައީސް ވަނީ އަމުރުކުރައްވާފައެވެ.

މި ބިންހެލުމަށްފަހު 1.3 އާއި 6.7 އާ ދެމެދުގެ ބާރުމިނުގައި 130 އަށްވުރެ ގިނަ އާފްޓަރޝޮކްތައް އައިސްފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. ފިލިޕީންސަކީ ބިންހެލުންތައް ގިނައިން އަންނަ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމެކެވެ. މީގެ އަށް މަސް ކުރިންވެސް އެ ގައުމަށް އައި ބާރުގަދަ ބިންހެލުމެއްގައި 79 މީހުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް