N/A
N/A
ލައިފްސްޓައިލް 18 Feb 2026 | 07:36

ރަމަޟާންމަހު އަނބިމީހާއަށް އެހީވުމަށް ކުރެވިދާނެ ބައެއް ކަންކަން؛ މިއީ ލޯބި އިތުރުވާ ކަމެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުކަމާއި، ތަޤުވާވެރިކަމުގެ މަހެކެވެ. ނަމަވެސް، މި މަހުގެ ތެރޭގައި ގޭތެރޭގެ ޒިންމާތަކާއި، ރޯދަވީއްލުމާއި ހާރު ތައްޔާރުކުރުމުގެ ބުރަ ގިނަފަހަރަށް އުފުލަންޖެހެނީ އާއިލާގެ އަންހެނުންނަށެވެ. އަނބިން ތިބޭ މީހުންގެ އަނބިންނަށެވެ. މި ބުރަ ލުއިކޮށްދިނުމަށް ފިރިންގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ، އަދި އާއިލީ ގުޅުން ބަދަހިވެގެންދާނެ ކަމެކެވެ.

އަނބިމީހާއަށް އެހީތެރިވެވިދާނެ ގޮތްތައް

ރަމަޟާން މަހުގެ ތެރޭގައި ފިރިންނަށް އަނބިމީހާއަށް އެހީތެރިވެވިދާނެ ގިނަ ގޮތްތަކެއް ހުރެއެވެ. މީގެ ތެރޭގައި:

• ދާވެފައި ހުންނަ އަންނައުނު ދޮވުމާއި އެ އެއްޗެހި ހިއްކަން އެޅުން.

• ދޮވެފައި ހުންނަ އަންނައުނު ފަށްޖަހައި ލާންޖެހޭ ތަންތަނަށް ލުން.

• އަނބިމީހާ ބަދިގޭގައި އުޅޭ ވަގުތުތަކުގައި ދަރިން ބެލުމުގެ ޒިންމާ ނެގުން.

• ހާރު ތައްޔާރުކުރުމާއި، ރޯދަވީއްލާ ސުފުރާ ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެވެން އޮތް މިންވަރަކުން ބައިވެރިވުން.

• ކައްކައި ނިމުމުން ތެލި ތަށި ފަދަ ތަކެތި ދޮވެ ދިނުން

• ކައި ނިމިގެން ކެއި ތަށި ދޮވުން

• ބަދިގެއަށް ބޭނުންވާ ސާމާނު ގަނެލަން ފިހާރައަށް ދިޔުން

• އަނބިމީހާ ނަމާދު ކުރާ ވަގުތު ތަކުގަޔާއި ގުރުއާން ކިޔަވާ ވަގުތު ތަކުގައި ދަރިންގެ ކަންކަން ބެލުން

މިއީ ލޯތްބާއި ގާތްކަން އިތުރުވާ ކަމެއް

މިފަދަ ކަންކަމުގައި ފިރިމީހާގެ އެހީތެރިކަން ލިބުމަކީ އަނބިމީހާ ނުހަނު ބޮޑަށް ބަލައިގަންނާނެ ކަމެކެވެ. ދެމަފިރިން އެކުގައި މަސައްކަތް ކުރުމަކީ އެކަކު އަނެކަކަށް އޮންނަ ލޯތްބާއި ގަދަރު އިތުރުވެ، ގުޅުން ބަދަހިވާ ކަމެކެވެ. މިއީ ހަމައެކަނި މަސައްކަތެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އަޅާލާކަން ހާމަކޮށްދޭ ރިވެތި ނަމޫނާއެކެވެ.

މިކަމަށްޓަކައި ކުރިއާލާ މަޝްވަރާކޮށް ކަންކަން ރާވާލުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ފިރިމީހާ ވަޒީފާއަށް ދިއުމުގެ ކުރިންނާއި، ވަޒީފާ ނިންމާފައި އައިސް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކައި ކަންކަން ބަހާލެވިދާނެއެވެ. އެގޮތަށް ކަން ކުރުމުން މަސައްކަތް އަވަސްވެ، ދެމީހުންނަށްވެސް އަޅުކަމުގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.

ރަމަޟާން މަސް ފަދަ ބަރަކާތްތެރި މައްސަރެއްގައި ތިމާގެ އަނބިމީހާއަށް އެހީތެރިވުމަކީ ނުހަނު މަތިވެރި އަޖުރު ލިބޭނެ އަމަލެކެވެ. ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތުން ފެންނަން އޮތް ގޮތުގައި، އެކަލޭގެފާނަކީވެސް ގޭތެރޭގެ މަސައްކަތްތަކުގައި އަނބިއަނބިކަނބަލުންނަށް އެހީތެރިވެވަޑައިގަތް ބޭކަލެކެވެ. އެހެންކަމުން މިއީ ސުންނަތަށް ތަބައުވުމުގެ ގޮތުންވެސް ކޮށްލަން ވަރަށް ސަޅި ކަމެކެވެ.

ރަމަޟާން މަހަކީ ހަމައެކަނި ކެއުންބުއިމުގެ މަހެއް ނޫނެވެ. އެއީ އާއިލީ ގުޅުންތައް އާލާކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމުގެ މަހެކެވެ. ފިރިންގެ ފަރާތުން ލިބޭ ކުޑަ އެހީތެރިކަމަކީވެސް އަނބިމީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް