ކިނޮަޅަހުގެ އާކިއޮލޮޖިކަލް ދިރާސާ ނިމުމަކާއި ހަމައަށް!
ރ. ކިނޮޅަހުގައި މިހާރު ކުރިއަށްދާ އާކިއޮލޮޖިކަލް މަޝްރޫޢު، "އަ ކާސަލް ބިލްޓް އޮން ސޭންޑް: ސެޓިންގ އަޕް އަ ހެރިޓޭޖް ރިސޯސް ފޯރ ދި މޯލްޑިވްސް ޓު ފޮސްޓަރ އަ ސަސްޓެއިނަބަލް ޓުއަރިސްޓް އޮފަރ"، ގެ ދަށުން އެ ރަށުގައި ކުރިއަށްގެންދާ ކޮނުމުގެ މަސައްކަތް ނިމުމާއި ގާތްވެއްޖެއެވެ.
ކިނޮޅަހުގައި ކުރިއަށްދާ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އިހުގައި ދިވެހިން ގެންގުޅު އެކި ބާވަތްތަކުގެ ކަންވާރުތައް ހޯދައި، އެތަކެއްޗާއި ބެހޭ މައުލޫމާތު ކިތާބުކޮށް އެތަކެތި ދިރާސާ ކުރުމެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގެ ތެރެއިން މިފަދަ ވަކިވަކި ދާއިރާތައް ދިރާސާ ކުރުމަށް އެޅިގެންދާ ބިންގަލެކެވެ.
މީގެ އިތުރުން ރާއްޖޭގައި ކަލްޗަރަލް ޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި، އޮނިގަނޑެއް އެކުލަވާލުމަށް އެހީވުމަކީވެސް މި މަޝްރޫޢުގެ އެއް ބޭނުންކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ކޮނުނު ތަންތަނުން މިހާތަނަށް ފެނުނު އެކިއެކި ކަންވާރާއި، ކަންވާރުތަކުގެ ބައިތަކާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި ތަކެއްޗާއި ގުޅޭ އިތުރު ދިރާސާ ކުރުމަށް ނިންމާފައިވަނީ އިނގެރޭސިވިލާތުގައެވެ.
ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގެ ޕްރޮފެސަރ އޭން ހައޯރގެ އެހީތެރިކަމާއިއެކު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ، އާކިއޮލޮޖިސްޓް ޝިއުރާ ޖައުފަރް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުއަކީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގެ މާލީ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ކިނޮޅަހަކީ އިބްނު ބަތޫތާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ މަޑުކުރެއްވި ރަށުގެ ގޮތުގައި މަޝްޙޫރުވެފައިވާ ރަށަށް ވާއިރު، 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު ޝިއުރާ އާއި ޕްރޮފެސަރ އޭން ހައޯރ އަދި ޑރ. އެނަލީސާ ކްރިސްޓީ ވަނީ ދި ލެވަރހުލްމް ޓްރަސްޓްގެ މާލީ އެހީއާއިއެކު އެ ރަށުގައި ގަދީމީ ބޮއްޔާއި ގުޅޭ ކާމިޔާބު ދިރާސާއެއްވެސް ކުރައްވާފައެވެ. މިހާރު ކިނޮޅަހުގައި މި ކުރެވޭ ދިރާސާއަކީ ގަދީމީ ބޮއްޔާއި ގުޅޭގޮތުން ކުރެވުނު ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ދިރާސާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް