ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ މަރާމެދު ކަންބޮޑުވުންތަކެއް
ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި މީހަކު މަރުވި ގޮތާއި މެދު ޝައްކުތަކެއް އުފެދޭ ކަމަށް ބުނެ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވިލިމާލޭގައި ދިރިއުޅެމުން ދިޔަ ޑައުންސިންޑްރޯމް ހުންނަ އަލީ ނިޔާޒު ނަމަކަށް ކިޔާ މީހާ މަރުވީ ފާއިތުވި ހޮނިހިރު ދުވަހުއެވެ. އޭނާ މަރުވެފައި ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ.
ވިލިމާލޭގައި ދިރިއުޅެމުން ދަނިކޮށް އަލީ ނިޔާޒު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކުރީ ފާއިތުވި ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ނިޔާޒުގެ އާއިލާގެ މީހަކު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހުއްޓައި ނިޔާޒު ހޮސްޕިޓަލަށް ގެނައިއިރު ސްޓްރޯކެއް ޖެހުމުގެ އިތުރުން ވެސް ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރި ކަމަށެވެ.
ނިޔާޒުގެ އާއިލާގެ މީހާ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ނިޔާޒު މަރުވި މައްސަލަ އެޗްއާރްސީއެމުން ވެސް ބެލިކަމަށެވެ. އެގޮތުން އެޗްެއާރްސީއެމް އިން ބެލި ބެލުމުން އެ ޒުވާނާގެ ފައިގައި އެއްޗެއް އައްސާފައި ހުރިކަމަށް ބެލެވޭ ނިޝާންތަކެއް ފެނިފައިވާއިރު ފައި ދުޅަވެފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
ނިޔާޒުގެ ފައިގައި އެއްޗެއް އައްސާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަ ފޮޓޯ ސޯޝަލް މީޑިޔާގައި އާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޖެންޑަރ މިނިސްޓްރީން ވަނީ އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ޖެންޑަރ މިނިސްޓްރީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ނިޔާޒުގެ ފައިގައި ޗޭނެއް އަޅައިގެން ގެންގުޅިފައިވަނީ އޭނާގެ އާއިލާއިން ކަމަށެވެ.
ޖެންޑާރ މިނިސްޓްރީގެ އޮފިޝަލް ބުނި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނިޔާޒު ގެންދިޔައީ ވެސް ކަމާއި ބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން ކަމަށެވެ. އަދި އެއްޗެއް އައްސާފައި ހުރި ތަނެއް ގޮތަށް ނިޔާޒުގެ ފައިގައި ފާޅުވެފައިހުރި ނިޝާނަކީ އޭނާ ގުރައިދޫ މަރުކަޒަށް ގެންދިޔުމުގެ ކުރީގެ ނިޝާނެއް ކަމަށް ޖެންޑަރ މިނިސްޓްރީގެ އޮފިޝަލް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް