ސޯމާލިލޭންޑަށް އައްޔަނުކުރޮ އިސްރާއިލުގެ ސަފީރު
ސޯމާލިލޭންޑަށް އައްޔަނުކުރޮ އިސްރާއިލުގެ ސަފީރު
ދުނިޔެ 19 Apr 2026 | 06:31

ސޯމާލީލޭންޑަށް އިސްރާއީލުން މަންދޫބަކު އައްޔަންކުރި މައްސަލަ އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސޯމާލިއާގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް، "ސޯމާލީލޭންޑް" އަށް އިސްރާއީލުން ސިޔާސީ މަންދޫބަކު އައްޔަންކުރުމަށް ނިންމި ނިންމުން ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ނިންމުން ކުށްވެރިކޮށް ގުޅިފައިވާ ބަޔާނެއް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިސްރު، ސޯމާލިއާ، ސޫދާން، ލީބިޔާ، ބަންގްލަދޭޝް، އަލްޖީރިއާ، ފަލަސްތީން، ތުރުކީ، އިންޑޮނޭޝިއާ، ޕާކިސްތާން، އަދި ކުވެއިތު ހިމެނެއެވެ.

މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވީ، އިސްރާއީލުގެ މި އަމަލަކީ ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިއާގެ ސިޔާދަތާއި، އެއްބައިވަންތަކަމާއި، އިސްތިޤްލާލާ ޚިލާފަށް ހިންގާފައިވާ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށެވެ.

ޚާރިޖީ ވަޒީރުންގެ މި ބަޔާނުގައި، ދައުލަތްތަކުގެ އެއްބައިވަންތަކަން ގެއްލޭ ފަދަ ނުވަތަ ސިޔާދަތަށް އަރައިގަންނަ ގޮތަށް ނިންމާ ނިންމުންތަކާ ދެކޮޅުކަން ވަނީ ހާމަކޮށްފައެވެ. އަދި ސޯމާލިއާގެ ރައްޔިތުންގެ ހަގީގީ މަންދޫބަކީ އެގައުމުގެ ގާނޫނީ މުއައްސަސާތައް ކަމަށްވާއިރު، އެ މުއައްސަސާތަކާއި ސޯމާލިއާގެ ސިޔާދަތަށް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

މީގެ އިތުރުން، އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ޗާޓަރާއި، އެފްރިކަން ޔޫނިއަންގެ އަސާސީ ގަވާއިދުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލެއް ކަމަށް ވަޒީރުން ފާހަގަކުރެއްވިއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ހަމަޖެހުމަށް ބުރޫއަރައި، މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަތުމަށް ނިންމި ނިންމުމާ ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހާއި، އެފްރިކަން ޔޫނިއަނާއި، އިސްލާމީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (އޯ.އައި.ސީ) އަދި ޔޫރަޕިއަން ޔޫނިއަނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލައިފިއެވެ.

ސޯމާލީލޭންޑުން ސޯމާލިއާގެ ކިބައިން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އިޢުލާންކުރީ 1991 ވަނަ އަހަރު ހިނގި ނުރައްކާތެރި ދާޚިލީ ހަނގުރާމައަކަށް ފަހުގައެވެ. އެހެންނަމަވެސް، ސޯމާލިއާ ސަރުކާރުން މިއަދާ ހަމައަށްވެސް ސޯމާލީލޭންޑުގެ މިނިވަންކަން ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް