ހުކުރުދުވަހު ދިމާވި އައިޓީ މައްސަލައިގައި ތޮއްޖެހިފައިވާ ލަންޑަންގެ އެއާޕޯޓެއް -- ފޮޓޯ: ބީބީސީ
ހުކުރުދުވަހު ދިމާވި އައިޓީ މައްސަލައިގައި ތޮއްޖެހިފައިވާ ލަންޑަންގެ އެއާޕޯޓެއް -- ފޮޓޯ: ބީބީސީ
ދުނިޔެ 20 Jul 2024 | 18:17

ކްރައުޑްސްޓްރައިކް ޑައުންވި ހާދިސާގައި 8.5 މިލިއަން ޑިވައިސްއަށް އަސަރުކުރި: މައިކްރޮސޮފްޓް

މިދިޔަ ހުކުރުދުވަހު ކްރައުޑްސްޓްރައިކް ޑައުންވެ ދިމާވި އައިޓީ މައްސަލައިން 8.5 މިލިއަން ވިންޑޯސް ޑިވައިސްއަށް އަސަރުކުރި ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއެް ޓެކް ކުންފުނި މައިކްރޮސޮފްޓުން ބުނެފިއެވެ.

މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވި އައިޓީ މައްސަލައިގެ ސަބަބުން ގާތްގަނޑަކަށް 8.5 މިލިއަން ވިންޑޯސް ޑިވައިސްއަށް ތަފާތު މައްސަލަތައް ދިމާވިއެވެ. މި މައްސަލައިގެ ސަބަބުން އެތައްހާސް ފްލައިޓްތައް ކެންސަލްވެ، ބޭންކިންގ، ހެލްތްކެއަރ އަދި ޕޭމަންޓް ސިސްޓަމްތަކަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

މި މައްސަލައަށް ޒިންމާވާ ސައިބަރ ސެކިއުރިޓީ ކުންފުނި "ކްރައުޑްސްޓްރައިކް"ގެ ވެރިޔާ ޖޯޖް ކަރޓްޒް ވަނީ "ހެކަރުން" މިފަދަ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކޮށްފާނެ ކަމަށް އިންޒާރުދީފައެވެ. އަދި އެ ކުންފުނީގެ ކަސްޓަމަރުންނަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރުމަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ސައިބަރ އޭޖެންސީތަކުން ވެސް ވަނީ ރަސްމީ ފަރާތްތަކުގެ ގޮތުގައި ދައްކައިގެން އޮޅުވާލައިގެން ފޮނުވާ ސްކޭމް އީމެއިލް، ފޯނު ކޯލް އަދި ވެބްސައިޓްތަކާ މެދު ވިސްނުންތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ގިނަ އެއަރޕޯޓްތަކުން މިހާރު އައިޓީ ސިސްޓަމްތައް މަސައްކަތްކުރަމުންދާ ކަމަށް ބުނި ނަމަވެސް، މި މައްސަލައިގެ ސަބަބުން އެއަރލައިންތަކުގެ ހިދުމަތްތަކަށް ދިމާވެފައިވާ ދަތިތަކާ ހެދި ދަތުރުވެރިންނަށް އަދިވެސް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

މާހިރުން ވަނީ ހުކުރު ދުވަހު ދިމާވި މި ބޮޑު އައިޓީ މައްސަލައިގެ ސަބަބުން ސައިބަރ ކްރިމިނަލުން އިތުރު ގެއްލުންތަކެއް ދިނުމަށް މަސައްކަތް ކޮށްފާނެ ކަމަށް އިންޒާރުދީފައެވެ. އެހެންކަމުން، އާންމުންނަށް ވެސް މިކަމާ ގުޅޭގޮތުން ވިސްނާ ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް