ނާޒިލްގެ ކެމްޕެއިން ޓީމުގެ މެންބަރުންނަށް އުމްރާ ދަތުރު!
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ނާޒިލްގެ ކެމްޕެއިން ޓީމުގެ މެންބަރުންނަށް އުމްރާ ދަތުރު ހަމަޖައްސައިދެއްވަން ނާޒިލް ނިންމަވައިފިއެވެ.
މުޅި ރާއްޖެއިން ވެސް މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ނާޒިލް ވަނީ 1930 ވޯޓު ހޯއްދަވާފައެވެ. އެއީ އެ ދާއިރާއަށް ވޯޓުލީ މީހުންގެ 70 އިންސައްތަ އަށް ވުރެ މަތީ އަދަދެކެވެ.
ނާޒިލް އާއި ހަވާލާދީ އައްޑޫގެ ޚަބަރުތައް ގެނެސްދޭ "އޭއޯނިއުސް"ގައި ބުނެފައިވާ ގޮތުގައި ނާޒިލްގެ ކެމްޕެއިން ޓީމުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން 30 މީހަކަށް އުމްރާ ދަތުރު ދޭނެއެވެ.
އަދި އެފަރާތްތަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖައްސާފައި ވަނީ ކޮންމެ އަހަރަކު 5 މީހުން އުމްރާއަށް ފޮނުވާ ގޮތަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން 5 މީހަކު އުމްރާ އަށް ފޮނުވުމަށް ނާޒިލް މިހާރު ގެންދަވަނީ މަސައްކަތް ކުރަމުންނެވެ.
"މިއަހަރު ފުރަތަމަ 5 މީހުން ނަށް އެފުރުސަތު ދެވޭނެ. އަދި ކުރިއަށް އޮތް 5 އަަހަރު އިތުރު 5 މީހުން ފޮނުވައިދޭ ގޮތަށް މިއޮތީ. އެހެންވީމާ ދައުރު ނިމޭއިރު 30 މީހުންނަށް އެ ފުރުސަތު ދޭން ބޭނުންވަނީ" ނާޒިލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން ދާއިރާތަކުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން އެކި ހަރަކާތްތައް ދަނީ ހިންގަވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ޝުކުރު އަދާކުރުމަށް ދޮރުން ދޮރަށް ވެސް ވަޑައިގަންނަވާފައެވެ.
އެހެން ނަމަވެސް ނާޒިލް އނިންމެވި ފަދަ ނިންމެވުމެއް އެހެން ބޭފުޅަކު އަދި ނިންމަވާފައެއް ނުވެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސްކަން ކުރައްވާ ނާޒިލް އަކީ ރިސޯޓް ކޮންސްޓްރަކްޝަންގެ ދާއިރާގައި ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް