މޮޅާއެކު ޔުނައިޓެޑުގެ ކެއާ ޓޭކާ ކޯޗް ތާރީހުގެ ތެރެއަށް
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ބްރައިޓަން އެންޑް ހޯވް އަލްބިއޯން ބައްދަލުކުރި މެޗް 2-1 ކުން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ. މި މޮޅުވެގެން ގޮސްފައިވަނީ ޔުނައިޓެޑުގެ ކެއާ ޓޭކާ ކޯޗް ޝޯލްޝާއަށް ތާރީހީ މޮޅަކަށެވެ. ސަބަބަކީ މިއީ ޔުނައިޓެޑުގެ ތާރީހުގައިވެސް އެޓީމައި ހަވާލުވެ ހުރި ކޯޗަކު ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވުމުގެ ރެކޯޑް ހެދި ފުރަތަމަ ފަހަރުކަމަށް ވުމުންނެވެ.
ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވުމުގެ ރެކޯޑް ޝޯލްޝާގެ އިތުރުން ކުރީގެ ޗެލްސީގެ ކޯޗް ކާލޯ އަންޗަލޯޓީ އަދި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސްވަނީ ގާއިމްކޮށްފައެވެ.
ޔުނައިޓެޑް ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި އެޓީމުގެ ފަރާތުން ފެނުނު ފުރަތަމަ ލަނޑަކީ ޕޯލް ޕޮގްބާ ކާމިޔާބުކޮށްދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ލިބުނީ ޕޮގްބާއަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ ޕޮގްބާ މި ސީޒަނުގެ ލީގުގައި ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. މީގެ ކުރިން އެއް ސީޒަނެއްގައި މި އަދަދަށް އޭނާ ލަނޑުޖަހާފައިވަނީ ޔުވެންޓަސްގައި 2014-15 އަދި 2015-16 ވަނަ ސީޒަނުގައެވެ.
ޔުނައިޓެޑުގެ ދެވަނަ ލަނޑަކީ ފުލް ބެކް ޑިއޯގޯ ޑަލޮޓް ދިން ބޯޅައެއް ވަރަށް މޮޅަށް ކޮންޓްރޯލްކޮށް އަދި އެހާމެ ހިތްގައިމުކޮށް ފޮނުވާލައިގެން މާކަސް ރަޝްފޯޑް ޖަހައިދިން ލަނޑެކެވެ. މި ލަނޑާއެކު ރަޝްފޯޑް މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދުވަނީ 9 އަކަށް އަރާފައެވެ. މީގެ ތެރެއިން 5 ލަނޑަކީ ޔުނައިޓެޑުގެ ކެއާ ޓޭކާ ޗޯކް ޝޯލްޝާގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުތަކެކެވެ. މިއީ ރަޝްފޯޑް ޔުނައިޓެޑަށް ކުޅެދިން 150 ވަނަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.
ބްރައިޓަންގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗު ނިމެން 20 މިނެޓަށް ވެފައިވަނިކޮށް ޕާސްކަލް ގްރޮސްއެވެ.
މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ޝޯލްޝާ ބުނީ މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނީ އޭނާ އުންމީދު ކުރި ކަހަލަ ކުޅުމެއް ނޫން ކަމަށައި ދެވަނަ ހާފް ފަށައިގެން މާއިރުތަކެއްނުވެ މެޗް ނިންމާލަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ނަމަވެސް އަބަދަކު ފެންޓަސީ ފުޓްބޯޅައެއް ނުކުޅެވޭނެ ކަމަށައި މެޗުގެ ފަހު 20 މިނެޓްގައި ޔުނައިޓެޑް އޮތީ ޕްރެޝަރުގަ ކަމަށްވެސް އޭނާ ބުންޏެވެ.
44 ޕޮއިންޓާއެކީ ޔުނައިޓެޑް އޮތީ ތާވަލުގެ ހަ ވަނައިގައެވެ. އާސެނަލްއަށްވެސް 44 ޕޮއިންޓް ލިބިފައިވާއިރު އެޓީމް ތާވަލުގެ ފަސްވަނައިގަ އޮތީ ލަނޑުގެ ތަފާތުން ކުރި ލިބިގެންނެވެ. ހަތަރުވަނައިގަ އޮތް ޗެލްސީއަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.
ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ނުކުންނާނީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އާސެނަލްއައި ދެކޮޅަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް