އިސްލާމީ ފަތުރުވެރިކަމާއި ބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ
އިސްލާމީ ފަތުރުވެރިކަމުގެ ސިނާއަތާއި ބެހޭ ޚާއްސަ ކޮންފަރެންސެއް އަންނަ މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
މި ކޮންފަރެންސަކީ މަހަލްދީބް ފައުންޑޭޝަންގެ " ޕްލެޓްފޮރމް ފޯ އިންޖިނިއުޓީ އެންޑް އެންލައިޓަންމަންޓް" (ޕައި) އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމް ކުރާ ކޮންފަރެންސެކެވެ. 'އެންގޭޖް ދަ އަންޓެޕްޑް' މި ނަމުގައި ބާއްވާ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.
މި ކޮންފަރެންސްގައި އިސްލާމިކް ޓުއަރިޒަމްގެ މާހިރުން ވާހަކަފުޅުދައްކަވާނެއެވެ. އަދި ރާއްޖެފަދަ އިސްލާމީ ޤައުމަކަށް އިސްލާމިކް ޓުއަރިޒަމް ތަޢާރަފްކޮށް، ފުޅާކުރުމަށް ކުރެވޭނެ ކަންކަމަށްވެސް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
'ޕައި' އިން މައުލޫމާތު ދޭ ގޮތުގައި މި ކޮންފަރެންސަކީ ޓުއަރިޒަމް ދާއިރާގެ ބޭފުޅުންނަށާއި ދަރިވަރުންނަށާއި އިސްލާމީ އުޞޫލުން ޓުއަރިޒަމް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފުރުސަތެކެވެ. މިހާރުވަނީ މި ކޮންފަރެންސްގެ ރަޖިސްޓްރޭޝަން ހުޅުވާލާފައެވެ. 'އަރލީ ބަރޑް' ނުވަތަ އެންމެ ފުރަތަމަ ރަޖިސްޓްރީވާ ބޭފުޅުންނަށް ރަޖިސްޓްރޭޝަން ފީގެ 10% ގެ ޑިސްކައުންޓް ލިބޭ ކަމަށް 'ޕައި' އިން މައުލޫމާތު ދެއެވެ.
އިސްލާމިކް ޓުއަރިޒަމަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާ އެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. 2020 ވަނަ އަަަހަރު 220$ ބިލިއަން ޑޮލަރުގެ ފައިދާއެއް މި ދާއިރާއަށް ލިބޭނެ ކަމަށް އަންދާޒާ ކުރާއިރު 2026 ގައި ފައިދާ $300 ބިލިއަން ޑޮލަރަށް އިތުރު ވާނެކަމަށް އަންދާޒާ ކުރެވެއެވެ. ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރިއަރަމުން ދިޔަނަމަވެސް އިސްލާމިކް ޓުއަރިޒަމަކީ ރާއްޖޭގައި އަދި ފެށިފައިވާ ދާއިރާއެއް ނޫނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް