މިރޭ ހުޅުމާލެއަށް އާދަޔާހިލާފަށް ވައިގަދަވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެއަށް މިރޭ އާދަޔާހިލާފު ބާރުމިނެއްގައި ވައިގަދަވެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
އިރުއޮއްސުނު ފަހުން ޖެހުނު ގަދަ ވަޔާއެކު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުގެ އެއްފަރާތުގައި ހުރި ބައެއް ގަސްގަހުގެ ގޮފިތައް އިރައިގެންގޮސް މަގުތަކަށް ވެއްޓުނުއިރު، ބައެއް ގަސްތައް ވަނީ ލުހިގެން މަގުމައްޗަށް ވެއްޓިފައެވެ. އެގޮތުން ނިރޮޅުމަގުގައި ހުރި ގަހެއްގެ ގޮފިގަނޑު އިރައިގެންގޮސް މަގުމައްޗަށް ވެއްޓި އާއްމު ދަތުރުފަތުރަށް ބުރޫއެރިއިރު، ފިތުރޯނުމަގުގައި ހުރި ގަހެއްވެސް ވަނީ ވެއްޓިފައެވެ. މި ދެ ހާދިސާގައި މީހަކަށް ގެއްލުންވިކަމެއް އެނގިފައެއް ނުވެއެވެ.
މީގެ އިތުރުން ޖެހުނު ގަދަވަޔާއެކު ހިޔާ ފްލެޓްގެ ބައެއް ގޭގެ ބެލްކަނިތަކުގައި ބަހައްޓާފައިހުރި ގަސްމުށިތަކެއް މަގުމައްޗަށާއި ޖެހިގެންހުރި ގޭގެ ބެލްކަންޏަށް ވެއްޓުނުންފަދަ ހާދިސާތައް ހިނގާފައިވާކަން ސޯޝަލް މީޑިއާގެ ބަލާލުމުން އެނގެއެވެ. މި ދުަވސްވަރަކީ މޫސުން ގޯސް އަދި ވައިގަދަ ދުވަސްވަރަކަށްވާތީވެ، މަގުމައްޗަށް ވެއްޓޭނޭހެން ގޭގެ ބެލްކަނިތަކުގައި ގަސްމުށިފަދަ ތަކެތި ނުބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނޭކަމަށެވެ. އެގޮތުން މެޓް އޮފީހުން މިރޭ ވަނީ ރާއްޖޭގެ އިތުރަށް ހުދު ސަމާލުވެސް ނެރެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް