އީސީން މީގެ ފަހުން ބޭނުންކުރާނީ ދަނބުކުލަ!
އިލެކްޝަންސް ކޮމިޝަންގެ ލޯގޯ ބަދަލުކޮށް، އެ ކޮމިޝަންގެ ރަސްމީ ކުލަޔަކީ ދަނބުކުލަ ކަމުގައި ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އީސީގެ އާ ލޯގޯއާއި، ކުލަ ތައާރަފްކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އީސީގެ އާ ލޯގޯއާއި ކުލަ ތައާރަފްކޮށްދެއްވީ އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާއި، ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ އާއި ލޭބާ ޕާޓީގެ ލީޑާޝިޕް ކޮމެޓީގެ ނައިބް ރައީސް ޒިޔާދު ރަޝާދާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް މަތީން މުހައްމަދާއި ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު އަދި އެމްޓީޑީގެ ވަގުތީ ނައިބް ރައީސް އިސްމާއިލް އާސިފު، ވަނީ ލޯގޯ އިފްތިތާހުކޮށްދެއްވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އީސީގެ ލޯގޯ ގައި ހިމެނޭ ރޮނގުތަކުގެ ތެރެއިން މައިގަނޑު ތިން ރޮނގު ރަމްޒުކޮށްދެނީ އެ ކޮމިޝަނުން ބާއްވާ ތިން އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ.
މިއަދުން ފެށިގެން އެއްވެސް ޕާޓީއަކަށް ދަނބުކުލަ ބޭނުންނުކުރެވޭނެކަމަށް އީސީން ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް