އޯޓިޒަމާ ގުޅޭ ސަޕޯޓް ގްރޫޕްތަކުގެ ބޭނުން ހިފުމަށް ފަސްޓް ލޭޑީ އެދިވަޑައިގެންފި
އޯޓިޒަމް ބައްޔާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ސަޕޯޓް ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެދިވަޑައިގެންފިއެވެ.
ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހިންގާ އޯޓިޒަމް ސެންޓަރުގައި ބޭއްވި އާއިލީ ނާސްތާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވި ގޮތުގައި އޯޓިޒަމް އާއި ބެހޭ މައުލޫމާތު ބެލެނިވެރިންގެ މެދުގައި ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ، އޯޓިޒަމް ސެންޓަރުގެ ވެބްސައިޓް އިފްތިތާހްކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން 100 ކުޑަކުދިން ބައިވެރިކޮށްގެން އޯޓިޒަމް ސެންޓަރުން ކުރިއަށް ގެންދާ "ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިން" ޕްރޮގްރާމް ވެސް ފަސްޓް ލޭޑީ މިއަދު އިފްތިތާހްކޮށްދެއްވިއެވެ.
އޯޓިޒަމް ބައްޔާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފަސްްޓް ލޭޑީ އިތުރަށް ވިދާޅުވި ގޮތުގައި، އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި މާލީ ހާލަތު ހުންނަ ގޮތުން ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިޔަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެކަމަށެވެ. އެހެންވެ މިހާރު އޯޓިޒަމަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ އެހެން ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް