10 އޮގަސްޓް 2024، ހޮނިހިރު ދުވަހު ޑާކާގެ ހައިކޯޓުގެ ގޯތި ތެރޭގައި މުޒާހަރާގެ ބައިވެރިން -- ފޮޓޯ: ބަންގްލާ ޓްރިބިއުން
10 އޮގަސްޓް 2024، ހޮނިހިރު ދުވަހު ޑާކާގެ ހައިކޯޓުގެ ގޯތި ތެރޭގައި މުޒާހަރާގެ ބައިވެރިން -- ފޮޓޯ: ބަންގްލާ ޓްރިބިއުން
ދުނިޔެ 10 Aug 2024 | 11:22

ބާކީ ތިބި 6 ފަނޑިޔާރުން އިސްތިއުފާ ނުދެނީސް މުޒާހަރާ ނުހުއްޓާނަން: މުޒާހަރާގެ ލީޑަރުން

ބަނގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާދިން ނަމަވެސް، އަނެއް 6 ފަނޑިޔާރުން އިސްތިއުފާނުދެނީސް މުޒާހަރާ ނުހުއްޓާނެ ކަމަށް މުޒަހަރާކުރަމުންދާ ކިޔާވާކުދިންގެ އިސް ލީޑަރުންބުނެފިއެވެ.

ތަފާތުކުރުމާ ދެކޮޅު ދަރިވަރުންގެ ހަރަކާތުގެ ދަށުން މުޒާހަރާކުރާ ފަރާތްތަކުން ބުނެފައިވަނީ، ބާކީ ތިބި 6 ފަނޑިޔާރުން އިސްތިއުފާ ނުދެނީސް މަގުމަތިން ނުދާނެ ކަމަށެވެ.

މުޒާހަރާ ވިލަރެސްކުރާ ފަރާތްތަކުގެ ތެރެއިން އެކަކު ކަމަށްވާ ރިފްޢަތު ރަޝީދު މި އިޢުލާނު ކޮށްފައިވަނީ، ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

"އުއްތަމަ ފަނޑިޔާރު އިސްތިއުފާދިން ނަމަވެސް، އަނެއް 6 ފަނޑިޔާރުން އަދި އިސްތިއުފާދީފައެއް ނުވޭ. އެމީހުން އިސްތިއުފާދެންދެން އަޅުގަނޑުމެން މި ތިބަތަނުން ގުޑާވެސް ނުލާނަން"

ރިފްޢަތު ރަޝީދު

"އުއްތަމަ ފަނޑިޔާރު ނެތްނަމަ، އޮޓޮމެޓިކުން 6 މީހުންގެ ތެރެއިން އެކަކު އެ މަޤާމަށް އަންނާނެ. އެމީހުން އިސްތިއުފާދެންދެން އަޅުގަނޑުމެން މަގުމަތީގައި ތިބޭނަން،" އޭނާ އިތުރަށް ފާހަގަކުރިއެވެ.

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އޮބައިދުލް ހަސަން ވަނީ ދަރިވަރުންގެ މުޒާހަރާތަކާ ހެދި ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ފަނޑިޔާރުގޭގެ އިސް މަޤާމުން އިސްތިއުފާދީފައެވެ.

ބަންގާޅު ނޫހެއްކަމަށްވާ ޑާކާ ޓްރިބިއުނުން ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު އޮބައިދުލް ހަސަން ވަނީ، ހޮނިހިރު ދުވަހު ސުޕްރީމް ކޯޓުގެ ދެ ޑިވިޜަންގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ގޮތަށް ކޯޓްތައް އެއްވެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައެވެ. ނަމަވެސް ފަހުން އެ ބައްދަލުވުން ފަސްކުރީއެވެ.

ކޯޓްތަކުން ބައްވާން އުޅުނު ބައްދަލުވުމަށް ރައްދު ދިނުމުގެ ގޮތުން، މުޒާހަރާކުރާ ދަރިވަރުން ވަނީ ހައިކޯޓު ވަށައިލުމުގެ ޕްރޮގްރާމެއް އިޢުލާނުކޮށްފައެވެ.

ދަރިވަރުންގެ ހަރަކާތުގެ ކޯޑިނޭޓަރު ހަސްނަތު އަބްދުﷲ ވަނީ އުއްތަމަ ފަނޑިޔާރާއި އެކި ޑިވިޜަންގެ ފަނޑިޔާރުން އިސްތިއުފާދިނުމަށް އަންގައި އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް