ގާސިމް ކޯލިޝަނުން ވަކިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިޙް ޤަބޫލުފުޅު ނުކުރައްވާ
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ސަރުކާރު ކޯލިޝަނުން ވަކިވެ ވަޑައިގަންނަވާނެ ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިޔާއެއް ކަމުގައިވާ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި، ގާސިމް އިބްރާހީމަކީ ރާއްޖޭގައި ހުންނެވި ސިޔާސީ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށެވެ.
ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި ކޯލިޝަން ރޫޅުމުން ކަންތައް ވެގެންދާ ގޮތާއި ޤައުމަށް ހަލަބޮލިކަން އަންނާނެ ގޮތް ގާސިމް އިބްރާހީމަށް އެނިގިވަޑައިގަންނަވާނެ ކަމަށެވެ.
އެހެންވެ އެއެވަރުގެ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ކޯލިޝަނުން ވަކިވެ ވަޑައިގަންނަވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަނުގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި ޚިޔާލު ތަފާތުވުންތަކާއެކީގައި ހައްލު ހޯދައިގެން މަސައްކަތް ކުރެއްވުމަކީ އެ މަނިކުފާނަށް ކުރެއްވިދާނެ ކަމެކެވެ.
"ޚިޔާލު ތަފާތުވުންތަކާއެކީގައި އަޅުގަނޑުމެންނަށް ގޮތް ހޯދައިގެން ދެވޭނެ. އަޅުގަނޑަށް ހަމަ އުނދަގޫކަމެއް ނޫން އެއީ." ރައީސް ސޯލިޙް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް