ޔަހޫދީ ދައުލަތުން އދ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު-- ފޮޓޯ: އަލް އަރަބިޔާ
ޔަހޫދީ ދައުލަތުން އދ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު-- ފޮޓޯ: އަލް އަރަބިޔާ
ދުނިޔެ 01 Jan 2025 | 05:38

ހޫތީން ނައްތާލާނެކަމަށް ބުނެ އިސްރާއީލުން އދގައި އިންޒާރުދީފި

ޔަމަންގެ ހޫތީން ނައްތާލާނެކަމަށް ބުނެ އިސްރާއީލުން އދގައި އިންޒާރުދީފިއެވެ.

ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން އދ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑެނީ ޑަނޮން ބުނީ، މިއީ އެގައުމުން ދޭ އެންމެ ފަހު އިންޒާރުކަމަށާއި، ޔަހޫދީ ފައުޖުން ހަމާސް އާއި ހިޒްބުﷲ އަށް އަމާޒުކުރި ފަދައިން ހަމަލާތައް ދޭން ފަށާނެކަމަށެވެ.

ޔަހޫދީ މަންދޫބު ވަނީ ހޫތީންގެ އިތުރުން އީރާނަށް ވެސް އިންޒާރުދީ، އިސްރާއީލުން މެދު އިރުމަތީގެ ކޮންމެ ގައުމަކަށް ހަމަލާދިނުމުގެ ގާބިލުކަން އެބައޮތްކަމަށް ބުނެފައެވެ.

އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުގައި ވާހަކަދައްކަމުން ޑަނޮން ބުނީ، އިސްރާއީލަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް އިތުރަށް ތަހައްމަލު ނުކުރާނެކަމަށާއި، ހަމާސް އާއި ހިޒްބުﷲ އަށް އަމާޒުކުރިންހެން ހޫތީންނާއި ޔަހޫދީ ފައުޖުން ކުރިމަތިލާނެކަމަށެވެ.

މި ވާހަކަތަކަށް ރައްދުދެމުން ހޫތީންގެ ރިވޮލިއުޝަނަރީ ކޮމިޓީގެ ވެރިޔާ ކަމަށްވާ މުހައްމަދު އަލީ އަލް ހޫތީ ވަނީ އެ ޖަމާއަތުން އިސްރާއީލަށް އެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެކަމަށް ވިދާޅުވެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ގެ އަނިޔާވެރިކަމުގެ އަމަލުތަކާއި ކުރިމަތިލާން ޖެހުމާއި ގުޅިގެން ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރާ ދެކޮޅަށް ހޫތީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާއިރު، މި ޖަމާއަތުގެ މަގްސަދަކީ ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް ނިމުމެއް ގެނައުމަށް ބާރުއެޅުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް