ފާހިޝްއަމަލުތަކަށް ހިއްވަރުނުދިނުމަށް ހުކުރު ޚުތުބާގައި އިންޒާރުކޮށްފި
މިއަދުގެ ހުކުރު ޚުތުބާއަކީ ދިވެހި ރާއްޖޭގެ ސިޔާސީ މާހައުލުގުގައި ސިޔާސީބައެއް ބޭފުޅުން ފަހަކަށްއައިސް އުފައްދާފައިވާ ކޮންޓްރަވަސީއަށް އެޑްރެސްކޮށް ވަރަށް ފާހަގަކުރަންޖެހޭ ފަދަ ނަސޭހަތްތަކެއް އެކުލެވިގެންވާ ޚުތުބާއެކޭ ބުނެވިދާނެއެވެ. މިޚުތުބާގައި އެއްޖިންސުން ގުޅުންހިންގުމަށް ހިއްވަރުދޭގޮތަށް ބައެއް ދިވެހިން ފާޅުގައި ދައްކާވާހަކަތަކަށް އިޝާރާތްކުރައްވައި ނުވަތަ މޯލްޑިވްސް ޑިޓެއިނީ ނެޓްވާކުގެ އިސްވެރިޔަކު އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތައް ދިފާއުކުރުމަށް އެއްމޭޒެއްގެ ދޮށަށް އެއްވުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި އެފަދަ ފާހިޝްކަންކަމަށް ނިސްބަތްކުރައްވައި ގެންނަވާފައިވެއެވެ. " އެއްޖިންސުން ކައިވެނިކުރުމާއި ގުޅުން ހިންގުމުގެ ނަތީޖާއަކީ މުޅި އިންސާނީ ނަސްލު މިހަސްތީން ފޮވިގެންދިއުމެވެ." އެފާހިޝް އަމަލު ހިންގުމުގައި އުޅުނު މީހުންގެ މައްޗަށް ﷲ ތައާލާ ފޮނުއްވި އަޒާބު ހަދާންކޮށްދެއްވުމަށް އިމާމް ގުރުއާނުން މިސާލެއްގެންނެވިއެވެ. ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ޖެއްސެވި ހާލުންނެވެ. " ދެން ފަހެ ތިމަންރަސްކަލާނގެ އަޒާބުގެ އަމުރުފުޅު އައި ހިނދު، އެރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޟުރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއްކަމުގައި އެކަންތައް ނުވެތެވެ" މިއަދުގެ ދުނިޔޭގައި ކާފިރު މުޖްތަމައުތަކުގައި އެއްޖިންސުން ގުޅުން ހިންގުން އެއީ އިންސާނީ ހައްގެއްކަމަށް ކަނޑައަޅައި ކައިވެނިކުރުންހުއްދަކޮށްފައި އޮންނަގޮތަށް ދިވެހި ރާއްޖޭގައިވެސް އިންސާނީ ހައްގެއްގެގޮތުގައި ހަދަން ދިވެހިންގެ ބަޔަކު ދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. ލޫތުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުން ސިފަކުރީ ދުނިޔޭގައި އެހެންބަޔަކު ނުކުރާފަދަ ނުބައި ފާފައެއްކުރި އަނިޔާވެރިކަން ބޮޑު ބައެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެތެރޭގައި ބަޔަކު ގޮވަނީ އެއީ އިންސާނީ ހައްގެއްކަމަށެވެ.
މީގެއިތުރަށް ޒިނޭކުރާ މީހުންގެ ހައްގުގައާއި ބަނގުރަލުގެ ފައިދާއާއިބެހޭގޮތުން ދެކެވިފައިވާ ވާހަކަތަކަށް އިޝާރާތްކޮށް ޚުތުބާގައި ގެނެސްފައިވާ ވާހަކަތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ދާދިފަހުން ކެންޑިޑޭޓެއްގެ ކެމްޕެއިންޖަލްސާގައި އެޕާޓީގެވެރިޔަކު ދެއްކެވި ވާހަކަފުޅެއްގައި ކައިވެނިންބޭރުގައި ހިންގާގުޅުމުން އަންހެނުން ބަލިވެއިންނާތީ އެއަންހެނުންނަށް އޮތް ހައްލަކީ ދަރިން ނުލިބޭ އޮޕަރޭޝަން ޑޮކްޓަރ ލައްވައި ކުރުން ކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރަށް ޒިނޭގެ ހައްދުޖެހުމާދެކޮޅަށް ފާޅުގައި މިއަދު ދިވެހިންގެ ބަޔަކު އަޑުއުފުލަމުން ދާތަންވެސް ފެނެއެވެ. މިނިވަންކަމާއެކުއެވެ. ރާއްޖޭގައި ކުރެވޭ ގެސްޓްހައުސްގެ ވިޔަފާރިއާއި ގުޅުވައި ދުނިޔޭގައި ބަނގުރަލުގެ ވިޔަފާރީގެ ފައިދާބޮޑުކަން ހަދާންކޮށްދިނުމުން، ޚުތުބާގައި އިމާމް ގެންނަވާފައިވެއެވެ. " ނުބައިކަންކަމަށް ހިއްވަރުދީ، ލަފާދީ ބާރުއަޅައިއުޅޭ މީހުންނާ އެކަންކަން މަނާކުރުމަށް މަސައްކަތްނުކުރާ ބެއްގެ މައްޗަށް ﷲގެ ކޯފާ އައުމަކީ ދުރުކަމެއްނޫނެވެ. މުސްލިމުންގެ ތެރޭގައި ފާހިޝް އަމަލުތައް ފަތުރަން ލޯބިކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ގުރުއާންގައި ގެންނަވާފައިވާކަން ބަޔާންކުރުމަށް ވަހީގެ ބަސްފުޅެއް ގެންނަވާފައިވއެވެ. " ހަމަކަށަވަރުން އީމާންވި މީހުންގެތެރޭގައި ހުތުރުކަންބޮޑުވެގެންވާ ފާފައިގެ ވާހަކައާއި އަމަލުތައް ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން ދަންނާށެވެ. ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. ތިޔަބައި މީހުންނަކަށް ނޭގެއެވެ." އެހެން އާޔަތެއްގައި ﷲ ބަޔާންކުރައްވާފައިވއެވެ. މިފަދަ ނުބައި ފާހިޝްއަމަލުތަކަށް ހިއްވަރުދޭ މީހުންނާ އެމީހުންނަށް ތާއީދުކުރާ މީހުން ތައުބާވުމަށް ޚިތުބާގައި އިމާމް ނަސޭހަތްތެރިވެލެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް