މަޖިލީހުގައި ތެދުބަހުން ވާހަކަ ދައްކާކަށް މެންބަރުން ބޭނުމެއް ނުވި!
މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލުގެ 58 ވަނަ މައްދާއަށް އަކުރެއް އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތެދު ބަހުން މެންބަރުން ވާހަކަދައްކަން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި އިސްލާހަށް މެންބަރުން ދެކޮޅު ހަދައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހުށަހެޅުއްވި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އެވެ.
މި އިސްލާހަށް ވޯޓަށް އެހުމުން އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެ ބަދަލު ގެންނަން ފެންނަކަމަށް ވޯޓުދެއްވީ 3 މެންބަރުންނެވެ. އެ މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރެއްގެ ގޮތުގައި އިންނެވީ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.
58 ވަނަ މާއްދާއަށް އިތުރުކުރަން ހުށަހެޅި އިސްލާހުގެ ތެރޭގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ޖަލްސާގެ ރިޔާސަތާ މުހާތަބުކޮށް، ވާހަކަދެއްކެވުމާއި މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި މަޖިލީހުގެ ރައީސާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދުން ހުރަސް ނުކުރުން ހިމެނެއެވެ. އަދި ހުށަހަޅާފައިވާ މައްސަލައިގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުމާއި މެންބަރެއްގެ ނަންގަންނަން ޖެހިއްޖެނަމަ ނަންގަންނަންވާނީ އިޙްތިރާމާއެކުގައި "އެ މެންބަރެއްގެ ދާއިރާއާ ހަވާލާދީ، އެ ދާއިރާއެއްގެ އިއްޒަތްތެރި މެންބަރުގެ ނަން ވިދާޅުވުމަށްފަހު އެވެ.
ނަމަވެސް މިއިސްލާހު މަޖިލީހުގެ ގަވައިދުގައި ހިމަނާކަށް މެންބަރުންގެ ރުހުމެއް ނުލިބުނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް