ވަޒީފާ ނުދެއްވޭނެ ކަމަށް ވިދާޅުވެވުމުން ނަޝީދު މާފަށް އެދިވަޑައިގެންފި
އެމްޑީޕީގެ އެކްޓިވިސްޓުން ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފިއެެވެ.
ސަރުކާރުން އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެހެން ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ. އިއްޔެ ހުޅުމމާލޭގެ ހުރަވީ ސްކޫލްގައި ބޭއްވި އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރި އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާ، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް، އެމީހަކަށް ގޮތް ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ރައްދުވި ފާޑުކިޔުންތަކާ ގުޅިގެން މިއަދު އެމަނިކުފާނު ވަނީ މާފަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދަންނަން އުޅުއްވި ނުކުތާ އަކީ އެންމެންނަށް ވަޒީފާ ހަމަޖައްސައި ދިނުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަކޮށްދެއްވުން ކަމަށެވެ. އަދި ވަޒީފާއެއް ހަމަޖައްސައިދޭނަމަ، އެއީ ސިޔާސަތުތައް ހިންގައިގެން އުފައްދާ ދެމެހެއްޓެނިވި ވަޒީފާއަކަށް ވާންޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވިއިރު އެމްޑީޕީގެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ޕެޕާ ސްޕްރޭ ޖެހިޔަސް ހެޔޮ ކަމަށް މުޒާހަރާއަށް ނުކުތީ ރައީސް ނަޝީދުގެ ދިފާއުގައި ކަމަށް ބުނެފައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް