މިނިސްޓަރ ޝާހިދު ސައުދީ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާޙިމް ބިން ޢަބްދުލްޢަޒީޒް އަލްއައްސަފް އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ އަޙައްމިއްޔަތުކަމަށް ވަނީ އަލި އަޅުވާލައްވާފައެވެ. އަދި މި ގުޅުން ބިނާވެގެންވަނީ ދެ ޤައުމުގެ ދެމެދުވާ އިސްލާމީ، ޘަޤާފީ އަދި ތާރިޚީ ގުޅުންތަކުގެ މައްޗަށްކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓަރ އަލްއައްސަފް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ދެންނެވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް