ވެކްސިން ނުޖަހާ ސްކޫލަށް ނުފޮނުވާ ހުރި ކުއްޖަކު މައިންބަފައިންގެ އަތުން ނަގައިފި
ދަރިފުޅުގެ ގަޔަށް ވެކްސިން ނުޖަހައި ސްކޫލަށް ފޮނުވުމަށް އިންކާރުކުރަމުންދިޔަ މައިންބަފައިންގެ އަތުން ކުއްޖާ ނަގައިފިއެވެ.
ފުލުހުން ރ.މަޑުއްވަރީގައި ހިންގަމުންގެންދާ ޚާއްސަ އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުޑަކުދިން ކިޔަވަން ފޮނުވުމަށާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ފުލުހުންގެ ހާޒިރުގައި ޖެންޑާ މިނިސްޓްރީން ތަކުރާރުކޮށް ނަސޭހަތްދީފައިވާ ކަމަށެވެ.
ނަމަވެސް އެ އާއިލާގެ ފަރާތުން އެ ނަސޭހަތް އެކަމަށް އިންކާރުކުރުމުން، ފުލުހުންގެ އެހީތެރިކަމާއި އެކު އެ ކުއްޖާ މައިންބަފައިންގެ އަތުން ނަގައި، ބޮޑުދައިތައާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މަޑުއްވަރީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަަނަށް ހަތް ގެއަކާާއި އެއް ދޯނި ބަލާފާސްކޮށް ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ތަންތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ސައްހަނޫން ކައިވެނީގެ ސެޓްފިކެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ކުޑަކުދިންނަށް ވެކްސިން ދޭން ދެކޮޅު ހަދަމުންދިޔަ އާއިލާއެއް އެއްބަސްކުރުވައި، އެ އާއިލާާގައި ހިމެނޭ ތިން ކުޑަކުދިންނަށް ވެކްސިން ދީފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަންގައި މިހާރުވެސް ދެ ގެ ބަލާފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ތަހުގީގަށް ބޭނުންވާ ފަރާތްތައް ހާާޒިރުކޮށް ސުވާލުކުރެވެމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް