ވިއެޓްޖެޓް؛ ފޮޓޯ / ވިއެޓްޖެޓް
ވިއެޓްޖެޓް؛ ފޮޓޯ / ވިއެޓްޖެޓް
ވިޔަފާރި 08 Oct 2026 | 10:39

ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ވިއެޓްނާމުގެ އަގުހެޔޮ އެއާލައިން ވިއެޓްޖެޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް އަންނަ ޑިސެމްބަރު މަހު ހޯ ޗީ މިން ސިޓީން ރާއްޖެއަށް ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ނިންމައިފި އެވެ.

ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ. މިއީ ވިއެޓްޖެޓުން މިހާރު ވެސް ހޯ ޗީ މިން ސިޓީން ކޮލަމްބޯއަށް ކުރާ ދަތުރުތައް މާލެއާ ހަމައަށް ދިގުދައްމައިލައިގެން ކުރިއަށް ގެންދާ ދަތުރުތަކެކެވެ.

މި ރޫޓް ތައާރަފުކުރުމާ ގުޅިގެން ވިއެޓްޖެޓުން ވަނީ 8 އިން 10 އޮކްޓޫބަރު 2026 އަށް "ގޯލްޑަން ޑޭސް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ހިންގަން ފަށައިފައެވެ. އެ ޕްރޮމޯޝަނުގެ ތެރެއިން ޓިކެޓް ފެއާ ހިލޭ ލިބޭ "ޒީރޯ ފެއާ" އިކޮނޮމީ ޓިކެޓްތައް ދޫކުރަމުން ދާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގައި ވިއެޓްނާމް އޮތީ 65 ވަނައިގައެވެ. މިދިޔަ އަހަރު އެ ގައުމުން 2،813 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އިރު، 2024 ވަނަ އަހަރު އެ އަދަދު ހުރީ 2،916 ގައެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވިއެޓްނާމުން 2،001 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ދަތުރުތަކާ އެކު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

ވިއެޓްޖެޓުގެ ދަތުރުތައް ފެށުމަކީ ވިއެޓްނާމާއި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އޮފިޝަލުން ދެކެވަޑައިގަންނަވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް