ހޫޘީން މީގެ ކުރިން ވައްޓާލު އެމެރިކާގެ ޑްރޯނެއް.. ފޮޓޯ: ހޫޘީ މީޑިއާ
ހޫޘީން މީގެ ކުރިން ވައްޓާލު އެމެރިކާގެ ޑްރޯނެއް.. ފޮޓޯ: ހޫޘީ މީޑިއާ
ދުނިޔެ 19 Apr 2025 | 16:10

ޔަމަނުގެ ހޫޘީން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލާފައިވާކަމަށް ޔަމަނުގައި މިހާރު ވެރިކަންކުރަމުންދާ ހޫޘީން ބުނެފިއެވެ.

ހޫޘީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ، ޔަމަނުގެ ވެރިރަށް ސަންއާ ކައިރިން އެމެރިކާއަށް ނިސްބަތްވާ ޑްރޯނެއް ވައްޓާލާފައިވާކަމަށެވެ. ޔަހްޔާ ވިދާޅުވީ މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ޖަމާއަތުން ވައްޓާލި އެމެރިކާގެ ދެވަނަ ޑްރޯން ކަމަށެވެ. މިގޮތުން މިހިނގާ އޭޕްރިލްމަހު އެކަނިވެސް 6 ޑްރޯން ވައްޓާލާފައިވާކަން އޭނާ ފާހަގަކުރިއެވެ.

ހޫޘީންގެ ތަރުޖަމާން ވިދާޅުވީ، ޢައްޒާއަށް އިންސާނީ އެހީ ހިފައިގެންދާ އަދި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތައް ހުއްޓާނުލާހާ ހިނދަކު އެޖަމާއަތުންވެސް މަދަކުން ނުތިބޭނޭ ކަމަށެވެ. އެމެރިކާގެ ޑްރޯނެއް ވައްޓާލިވާހަކަ ހޫޘީން ހާމަކުރިނަމަވެސް މިކަމުގައި އަދި މިހާތަނަށް އެމެރިކާއިން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ހޫޘީން ވަނީ މީގެ ކުރިން އެކިފަހަރު މަތިންވެސް އެމެރިކާގެ ޑްރޯންތަކަށް ހަމަލާދީ ވައްޓާލާފައެވެ. އެމެރިކާއިން ބުނާގޮތުގައި ހޫޘީންގެ ހަމަލާތައް ވަރުގަދަވެގެންދަނީ އީރާނުން އެކަމަށް އެއްބާރުލުންދޭތީ ކަމަށެވެ. މިކަމާ ގުޅިގެން އެމެރިކާއިން މިހާރު ވަނީ އީރާނާއެކު ވަރަށް ސީރިއަސް ވާހަކަތަކެއް ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް