ފައިސާ ރައްކާރަނީ.. ފޮޓޯ؛ އޭއައި
ފައިސާ ރައްކާރަނީ.. ފޮޓޯ؛ އޭއައި
ލައިފްސްޓައިލް 29 Jun 2026 | 03:06

އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ

ފައިސާ ރައްކާކުރުމަކީ ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ މީހެއްގެ ކިބައިގައިވެސް އަށަގަންނަވަންޖެހޭ ވަރަށް މުހިންމު އާދައެކެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފައިސާ ރައްކާކުރުމަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ކޮންމެ ދުވަހަކުވެސް ކުރާ ކުދިކުދި ޚަރަދުތަކަށް ބަދަލު ގެނެސްގެން، ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ފަހަށް ރައްކާކުރެވިދާނެއެވެ. ފައިސާ ރައްކާކުރެވޭނީ ހަމައެކަނި ގިނައިން ފައިސާ ހޯދައިގެނެއް ނޫނެވެ. މިކަމުގައި ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ އެއީ ލިބޭ މިންވަރުން ޚަރަދުކޮށް، އިސްރާފުކުރުމުން ދުރުވެ، ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކަށްފައިސާ ބޭނުންކުރުމެވެ.

ފައިސާ ރައްކާކުރާނީ ކިހިނެތް؟

ފައިސާ ރައްކާކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ޚަރަދުތަކުގެ ޕްލޭނެއް ތައްޔާރުކުރުމެވެ. އެއްޗެއް ގަތުމުގެ ކުރިން، އެއީ ތިމާއަށް މިވަގުތު ކޮންމެހެން ބޭނުންތެރި އެއްޗެއްތޯ ވިސްނާލަންޖެހެއެވެ. މަހެއްގެ މައްޗަށް ކޮންމެހެން ހިނގާނެ ޚަރަދުތައް، މިސާލަކަށް ކާބޯތަކެއްޗާއި، ބިލުތަކާއި، ކިޔެވުމުގެ ޚަރަދާއި، ދަތުރުފަތުރަށް ހިނގާނެ މިންވަރު ލިސްޓްކޮށްލުމުން، ބޭކާރު ޚަރަދުތައް ކުރުމުން ދުރުވާން މަގުފަހި ވެގެންދެއެވެ. ގިނަ ފަހަރަށް މީހުންނަށް ބޭކާރު އެއްޗެހި ގަނެވެނީ 'ސޭލް' އެއް އަޅުވާ އަގު ހެޔޮޔޮކޮށްފައި ވުމުން ނުވަތަ އެ އެއްޗެއް ފެންނަ ފެނުމަށް ރީތިވުމުންނެވެ. އަދި ހަމަ އެހެންމެ އިންޓަރނެޓް ސައިޓްތަކުން ފަސޭހަކަމާއެކު މިޒަމާނުގައި ބާޒާރުކޮށްލެވޭނޭ މަގު ފަހިވެފައި އޮތުންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން، އެއްޗެއް ގަތުމުގެ ކުރިން "މިއީ އަހަރެންނަށް ކޮންމެހެން މި ވަގުތަށް ބޭނުން އެއްޗެއްތޯ؟" އަދި "މީގެ ބޭނުން އަހަރެން ގަވާއިދުން ކުރާނަންތޯ؟" މި ކަހަލަ ސުވާލުތައް އަމިއްލަ ނަފްސާ ކޮށްލުމަކީ ވެސް ބޭކާރު ޚަރަދުތަކުން ސަލާމަތްވުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ.

ގޭތެރޭގެ ހަރަދުތައްކުން:

ކާބޯތަކެތި އިސްރާފުނުކުރުމަކީވެސް ފައިސާ ރައްކާކުރުމަށް އޮތް ވަރަށް މުހިންމު ކަމެކެވެ.  ބާޒާރުކުރަން ދިއުމުގެ ކުރިން ގޭގައި މިހާރު ހުރި ތަކެތި ބަލައި، ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކުރުން ވަރަށް މުހިންމެވެ. މިކަމުގެ ސަބަބުން އެކައްޗެއް  ދެފަހަރަށް ގަނެވުމާއި އެ ވަގުތަށް މުހިންމު ނޫން އެއްޗެހި އެއްޗެހި ގަތުމުން ދުރުކޮށްދޭނެއެވެ. އަދި ގޭގައި ކައްކައިގެން ކެއުމަކީ ކެފޭ ރެސްޓޯރަންޓުތަކުން ކެއުމަށްވުރެ މާ ޚަރަދު ކުޑަ އަދި ސިއްޙަތަށްވެސް ފައިދާހުރި ގޮތެކެވެ.

ގޭގެ ޚަރަދުތައް ކުޑަކުރުމަށް ކަރަންޓާއި ފެން އިސްރާފުނުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންނުކުރާ ވަގުތުތަކުގައި ބޮކިތަކާއި ފަންކާއާއި އޭސީ އަދި އެހެނިހެން ކަރަންޓު ސާމާނު ނިވާލުމަކީ ވެސް މަސް ނިމޭއިރު ބިލަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ.

މިކަމުގައި ކުދިންނަށް ދަސްކޮށްދެވިދާނެ އާދަތައް:

ފައިސާ ރައްކާކުރުމުގެ އާދަ ކުޑައިރުއްސުރެ ކުދިންނަށް ދަސްކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ހަފުތާއަކު ވަކި މިންވަރެއް ފައިސާ ފޮއްޓަކަށް ނުވަތަ ބޭންކު އެކައުންޓަކަށް ލުމަށް އާދަކުރުވުމުން، ދުވަސްތަކެއް ފަހުން އެއީ ބޮޑު އަދަދަކަށް ވެގެންދާނެއެވެ. އަދި ބޮކި ފަންކާ އޭސީފަދަ އެއްޗެހި ބޭނުންކުރުމަށް ފަހު ނިވާލުމުގެ އާދަ ވެސް ކުދިންގެ ކިބައިގައި ވެސް އަށަގެންނެވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ކާ އެއްޗެހި އިސްރާފް ނުކުރުމަށް ވެސް ބާރުއެޅުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ފައިސާގެ އަގު ވަޒަން ކުރެވި ޒިންމާދާރުވުމުގެ ސިފަ އަށަގަނެގެންދެއެވެ.

ކިހާ މުހިންމުކަމެއް؟

ފައިސާ ރައްކާކުރުމަކީ ހަމައެކަނި ފައިސާ ފޮރުވުމެއް ނޫނެވެ. އެއީ ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށާއި، ބޮޑެތި ބޭނުންތަކަށް ތައްޔާރުވުމެވެ. ކޮންމެ ދުވަހަކުވެސް ކުދިކުދި ބަދަލުތައް ގެނެސް، ބޭކާރު ޚަރަދުތައް މަދުކޮށް، ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ފައިސާ ބޭނުންކުރަން ފަށައިފިނަމަ، މުޅި ދިރިއުޅުމަށް އޭގެ ސަބަބުން ބޮޑު އަސަރެއްކޮށް އުޖާލާ މުސްތަޤުބަލެއް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް