އަވަސްގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި ކޯޓަށް ދަނީ
ރާއްޖޭގެ ދުވަހު ނޫހެއްކަމުގައިވާ އަވަސް އޮންލައިންގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި ކޯޓަށް ދިޔުމަށް ނިންމައިފިއެވެ.
މިކަން ވަނީ އަވަސް ގެ ހިއްސާދާރެއް "ވޮއިސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
އަވަސްގެ ހިއްސާދާރުންގެ މެދުގައި އަވަސް އޮންލައިން ހންގުމުގައި ހިޔާލު ތަފާތުވެ، އަވަސްގެ ފައުންޑަރ އަދި މެނޭޖިނގ އެޑިޓަރ އަހްމަދު ނާއިފް ވެސް ވަނީ އިސްތިއުފާދީފައެވެ.
އަވަސް އޮންލައިންގެ މުވަޒަފުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މިކަން ދިމާވެފައިވަނީ އަވަސް ހިންގުމުގައި ހުރި ކަންކަމާއި ފައިނޭންސް މެނޭޖްކުރުމުގައި ހުރި މައްސލަަތަކެއްގެ ސަބަބުންނެވެ.
ވޮއިސް ފަރާތުން އަވަސްގެ ފައުންޑަރ އަދި މެނޭޖިންގ އެޑިޓަރު އަހްމަދު ނާއިފް އަށް ގުޅާލުމުން ބުނީ މި މައްސަލާގައި ޤާނޫނީ ގޮތުން ކުރަން ހުރި ކަންކަން ހުރުމުން މިވަގުތު ކޮމެންޓް ކުރަން ބޭނުން ނުވާކަމަށެވެ
އިކޮނޮމިކް މިނިސްޓަރީގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި އަވަސް ހިންގަމުން އަންނަނީ ބްރައިޓް އައިޑިއާސް ޕްރައިވެޓް ލިމިޓެޑް ނަމުގައި ހިންގާ ކުންފުންޏަކުންނެވެ.
މިކުންފުނީގައި ހަތަރު ހިއްސާދާރުން ތިބޭ އިރު މެޖޯރިޓީ ހިއްސާ އޮންނަނީ އަހްމަދު މުފީދު ކިޔާ ބޭފުޅެއް އަތުގައެވެ.
ރާއްޖޭގައި ވަނީ މީގެ ކުރިންވެސް ދުވަހު ދުވަހު ނޫހެއްގެ ހިއްސާދާރުންގެ މެދުގައި މައްސަލަތަކެއް ކުރިމަތިވެ ނޫސް ހިންގުން ހުއްޓުވާފައެވެ.
މީގެކުރިންވެސް ވަނީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދުވަހު ނޫސް "ހަވީރު" ގެ ހިއްސާދާރުންގެ މެދުގައި ވެސް މިފަދަ މައްސަލަތަކެއް ކުރިމަތި ވުމުގެ ސަބަބުން ކޯޓުންވަނީ އެ ނޫސް ނެރުން ހުއްޓުވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް