އިތުރު ދެމީހަކަށް ހިމަބިހި ޖެހިއްޖެ، ޖުމްލަ ނުވައެއް؛ ރައްކާތެރިކަމުގެ ފިޔަވަޅުއަޅާން އެދިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް)ގެ 9 ޕޮޒިޓިވް ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
މިވަގުތުވެސް 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށާ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 128 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
އެހެންކަމުން އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާން އެދިފައެވެ. އެގޮތުން ބުނީ،
1) ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
2) ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
3) ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން.
4) މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުން.
ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިޖެހުނު މީހާއާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.
މި ބަލިން ރައްކާތެރިވުމަށާއި، ބަލީގައި ބޮޑުވަރުވިޔަ ނުދިނުމަށް އޮތް އެންމެ ފަހި މަގަކީ ވެކްސިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް