އަނިޔާވެރި ސަރުކާރަށް ކުޑަކަކުލެއް ނުޖަހާނަން: ޣައްސާނު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ބޭއިންސާފު، އަނިޔާވެރި ހުކުމެއް އިއްވާފައިވާކަމަށް ވިދާޅުވެ، އަނިޔާވެރި ސަރުކާރަށް ''ކުޑަކަކޫ'' ނުޖަހާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ކައުންސިލުން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޣައްސާނު މައުމޫން ވަނީ އޭނާގެ ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ މައްޗަށް އަނިޔާވެރި ސަރުކާރަކުން ސިޔާސީ ދައުވާއެއްކޮށް، ބޭއިންސާފުން ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވެ، އެހުކުމް އޭނާ ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.
ޣައްސާނު ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރަން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ.
''އަނިޔާވެރި ސަރުކާރަށް އަޅުގަނޑުމެން ކުޑަކަކޫ ނުޖަހާނަން. އަޅުގަނޑުމެން ތިބޭނީ ހަމަ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. ދާންޖެހުނު ކޮންމެ ތާކަށް ދާނަން، އެއްވާން ޖެހުނު ކޮންމެ ތަނަކަށް އެއްވާނަން. އެހެންކަމެއް ކުރަންވެއްޖެއްޔާ އެކަމެއް ކުރާނަން. މުޅި ރާއްޖެއަށްވެސް ދަތުރުކުރެވޭނެ، އަދި އެހެން ތަންތަނަށްވެސް މައްސަލަ ގެންދާނަން.'' ޣައްސާނު ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ސަރުކާރު ކޯލިޝަނުގެ ހަތަރު ލީޑަރުން އިސްވެ ތިއްބަވައިގެން އިއްވި ސިޔާސީ ހުކުމެއް ކަމަށް ތުހުމަތުކޮށް، އެޒިންމާ ކޯލިޝަނުގެ އިސް ލީޑަރުން ނަންގަވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅިގެން، މިސަރުކާރަށް ޣައްސާނު ފާޑުވިދާޅުވިއިރު، މިސަރުކާރުގެ ކޯލިޝަނުގެ އެއް ލީޑަރަކީ ޣައްސާނުގެ ބައްޕާފުޅު ރައީސް މައުމޫނެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޭރު ނުފޫޒު ފޯރުވިކަމުގެ ކުށުގައި ޣައްސާނުގެ ބައްޕާފުޅު ރައީސް މައުމޫނާއި ބޭބޭފުޅު ފާރިޝް މައުމޫނާއި ބޮޑުދައިތާފުޅުގެ ފިރިކަލުން މުހައްމަދު ނަދީމަށް ވަނީ ޖަލު ހުކުމް އިއްވައިފައެވެ. ނަމަވެސް އޭރު ޣައްސާނު އެއްވެސް ބަސްފުޅެއް ވިދާޅުވެ، ހަނު ހުންނެވިއެވެ.
ޣައްސާނު އޭރުވެސް، އަދި މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ އޭނާ ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް