އަނިޔާކުރި މައްސަލައިގައި ހަތް ފުލުހުން ސަސްޕެންޑްކޮށް، ޖިނާއީ ތަހުގީގެއް ހިންގަނީ-
މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެދަށުން މ. އުޖާލާގެ ބަލައި ފާސްކުރުމުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑްކޮށްފައިވާކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާއެކު އެފަދަ އަމަލުތަކަކީ ފުލުހުންގެ "ކޯޑް އޮފް އެތިކްސް" އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި ހިލާފު އަމަލުތަކެއްކަމުން އެ ހާދިސާ ހިނގި ދުވަހު އެކަން ތަހުގީގުކުރުމަށް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ކޮމިޝަނާ އޮފް ޕޮލިސް އަންގަވާފައިވާކަމަށް ބަޔާނުގައި ވެއެވެ.
އަދި އެ ތަހުގީގާ ގުޅިގެން ހަތް މުވައްޒަފަކު މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި ކަމަށާއި އެމައްސަލައިގައި ޖިނާއީ ތަހުގީގެއް ހިނގުމަށް ހާއްސަ ޓީމެއް އެކުލަވާލައި އެމަސައްކަތް ހަވާލު ކުރެވިފައިވާކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހުކުރު ދުވަހުގެ ރޭ 19:35 ހާއިރު ހިންގި އޮޕަރޭޝަނުގައި މ. އުޖާލާގެ ބަލާފާސްކޮށް، އެގެއިން ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ.
އަދި އެވަގުތު އެގޭގައި ހުރި 28 އަހަރުގެ ދިވެހި ފިރިހެނަކު، އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އޭނާގެ ފަހަތުން ގޮސް މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ، ބިރުދައްކަމުންދާތީ، ސައްހަ ނޫން މައުލޫމާތު އެފަދަ ގޮތްގޮތަށް ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.
އަދި އަނިޔާވި މީހާއަށް ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށް ބަޔާނުގައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް