ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް މިއަހަރު ތެރޭގައި އަޅާނަން: ރައީސް
ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށައި އަންނަ އަހަރު ހިދުމަތްދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އެހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ
50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލު ހުޅުވިގެންދާއިރު އެހޮސްޕިޓަލުން ފިޒިޔޮތެރަޕީއާއި ޑަޔަލިސިސްގެ ހިދުމަތާއި ލެބޯޓްރީގެ ހިދުމަތާއި ސްކޭނުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ޕްރައިވެޓް ރޫމުތައްވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބ. އަތޮޅު ހޮސްޕިޓަލުގެ ތާރީހަށް ބަލާއިރު، އެ ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ސިއްހީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއް ކަމަށެވެ.
ރައީސް ވިދާޅުވީ ބ.އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު ވެސް އެ އަތޮޅުގައި ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް ފެންވަރު ރަގަޅުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ސިއްހީ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ބޮޑުވީ މާލެ ތޮއްޖެހުމަށް ސަރުކާރުން ރޭވި މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން ރަނގަޅަށް ތަމްރީނު ލިބިފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތްކަމަށާއި އަދި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ރަގަޅު ފެންވަރުގެ ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުމަކީވެސް ރައްޔިތުންގެ ޝަކުވާއެއް ކަމަށެވެ.
އަދި ރަށްރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް މާލެ ދާ މީހުންނަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން އަދި އެމީހަކު ހުރި ރަށަކުން ސިއްހީ ހިދުމަތް ދިނުން ކަމަށާއި އެގޮތުން މިއަހަރު ތެރޭގައި ޕްރައިމަރީ ހެލްތްކެއާ ޕްރޮގްރާމް ރާވަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް