ފިންގަރ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައި؛ ފޮޓޯ / އެމްޓީސީސީ
ފިންގަރ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައި؛ ފޮޓޯ / އެމްޓީސީސީ

މާލޭ އުތުރު ބަނދަރުގެ ފިންގަރ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ

މާލޭގެ އުތުރު ފަރާތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ ފިންގަރ ޖެޓީތައް ހެދުމުގެ މަސައްކަތުގެ ތެރެއިން، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތްތަކެއް ސާމާނާއެކު އެއްކޮށް ނިންމާލެވިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެކުންފުނީގެ އެކްސް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޮންކްރީޓް މަސައްކަތްތައް ނިމުމާއެކު ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީތަކުގެ ޑެކް މަތީގައި ލަކުޑި ފިލާ ޖެހުމުގެ މަސައްކަތް ކަމަށެވެ.. މީގެ އިތުރުން، އުޅަނދުފަހަރު އައްސައި ބޭއްވުމަށް ބޭނުންވާ މޫރިންގ ބޮލާޑްތައް ހަރުކުރުމާއި، ރޭގަނޑުގެ ވަގުތުތަކުގައި ބަނދަރު އަލިކުރުމަށްޓަކައި ބައްތިތައް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުގައެވެ. މުޅި ޖުމްލަ 18.98 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އެކި މިންގަނޑުތަކުގެ ޖެޓީތައް ހެދުމަށް ވަނީ ރޭވިފައެވެ. އެގޮތުން، 25 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން، 15 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށްދެއެވެ.

މި ބަނދަރުގެ މަސައްކަތްތައް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، އުތުރު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރައިފޭބުމަށްޓަކައި އެތެރޭގައި އޮންނަ އުޅަނދުތަކުގެ މަތިން ހުރަސްކޮށް ދާންޖެހޭ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް