ހަމަލާދިން ސަރަޙައްދުން ދުންއަރަނީ --- ފޮޓޯ: އަނަޑޯލު
ހަމަލާދިން ސަރަޙައްދުން ދުންއަރަނީ --- ފޮޓޯ: އަނަޑޯލު
ދުނިޔެ 18 Sep 2024 | 17:25

ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފި

ލުބުނާނުން އިސްރާއީލުގެ ކިރިޔާތް ޝުމޯނާ ސަރަޙައްދަށް ދިން ރޮކެޓް ހަމަލާތަކަކާ ގުޅިގެން އެ ސަރަޙައްދުގައި އަލިފާން ރޯވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ބުދަ ދުވަހުއެވެ.

އިސްރާއީލްގެ ޔެދިއޯތް އަހަރޯނޯތް ނޫހުން ބުނެފައިވާ ގޮތުގައި ގެލިލީ ޕެންހޭންޑަލްގައި އޮންނަ ކިރިޔާތް ޝުމޯނާ ސަރަޙައްދަށް ގިނަ އަދަދެއްގެ ރޮކެޓް ވަނީ ވެއްޓިފައެވެ. އަދި އެ ހަމަލާގެ ސަބަބުން އެތައް ތަނެއްގައި އަލިފާން ރޯވެފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

މި ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން، ކިރިޔާތް ޝުމޯނާ އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްތަކުގައި ސައިރަން އަޑު އިވިފައިވާ ކަމަށް ވެސް ބުނެވެއެވެ.

މި ހަމަލާ އައިސްފައިވަނީ އިއްޔެ ލުބުނާނުގައި ވަޔަރލެސް ޕޭޖަރ ޑިވައިސްތަކެއް ގޮވުމުގެ ސަބަބުން 12 މީހުން މަރުވެ 2،700 އަށްވުރެ ގިނަ މީހުން ޒަޚަމްވި ހާދިސާއާ ގުޅިގެން ހިޒްބުﷲއިން ޖަވާބުދާރީވާނެ ކަމަށް ބެލެވޭތީ އިސްރާއީލުން ތައްޔާރީ ހާލަތެއްގައި ތިބި ދަނޑިވަޅެއްގައެވެ.

ޕޭޖަރުތައް ގޮވުމުގެ ހަމަލާއަކީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށް ހިޒްބުﷲއިން ބުނެފައިވީ ނަމަވެސް އިސްރާއީލުން އަދި މިކަމުގެ ޒިންމާ ނަގާފައެއް ނުވެއެވެ.

އަނަދޫލު އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ބެއިރޫތުގެ ދެކުނުގައާއި އެހެނިހެން ދެކުނުގެ ސިޓީތަކުގައި އިތުރު މުވާސަލާތީ ވަސީލަތްތަކެއް ގޮވައި، އިތުރު ބަޔަކަށް އަނިޔާވެ، ކާރުތަކާއި ގެތަކުގައި އަލިފާން ރޯވެފައިވެއެވެ. ލުބުނާންގެ ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި މި ގޮވުންތަކުގައި ތިން މީހުން މަރުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް