ޑްރަގުގެ ހިދުމަތްދޭ ދެ ގެޔަކުން އިތުރު 21 މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އިތުރު ދެ ގެއެއް ބަލައި ފާސްކޮށް، 21 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހިންގި އޮޕަރޭޝަނުގައި މާފަންނު އެވަރެސްޓް އާގެ ފާސްކޮށް، ދިވެހި ދެ އަންހެނުންނާއި ދިވެހި އަށް ފިރިހެނަކާއި އަދި ބަންގްލަދޭޝް ފިރިހެނަކާ އެކު، ޖުމުލަ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެއިތުރުން ޏަމްޏަމްގެ ބަލައި ފާސްކޮށް، އެގެއިން ވެސް ދިވެހި އަންހެނަކާއި ދިވެހި ނުވަ ފިރިހެނުންނާއެކު ޖުމުލަ 10 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ ގެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށާއި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ދެ ގެއިން ވެސް ފެނިފައިވާ ކަމަށެވެ.
މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ ބޮޑު އޮޕަރޭޝަނުގައި ފަސް ގެއެއް ބަލައިފާސްކޮށް 37 މީހަކު މީގެ ކުރިން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާ އިރު، މި ދުވަސްވަރު މާލޭގެ މަގުތަކުގައި މަސްތުވެ، ބިއްޖެހިފައި ތިބޭ ދިވެހީން އާދަޔާ ހިލާފަށް އިތުރުވެފައިވާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް