ބަޔަކު ޙައްޖުގެ އަޅުކަމަށް ފުރަނީ
ބަޔަކު ޙައްޖުގެ އަޅުކަމަށް ފުރަނީ
ރިޕޯޓް 06 Nov 2026 | 15:01

އުންމީދު ހަޤީޤަތަކަށް: ޚިދުމަތުގައި ހުރެ އެއްކުރި ފައިސާއިން ފަރުޟު ޙައްޖު އަދާކުރެވޭނެ ގޮތް ވެއްޖެ

ދިވެހި ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު އެދުމަކީ މާތްވެގެންވާ މައްކާގެ ބިމަށް ޒިޔާރަތްކޮށް، އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމެވެ. ނަމަވެސް، މިހާތަނަށް ޤާނޫނުތައް ބައްޓަންވެފައި އޮތް ގޮތުން، ޢުމުރުން ދުވަސްވީ އެތައް ދިވެހިންނެއް ތިބީ އެމީހުން ޒުވާން ޢުމުރުގައި ބުރަ މަސައްކަތުން އެއްކުރި ފައިސާ އަތްފޯރާ ފަށުގައި ހުރެމެ، އެ ފައިސާގެ ބޭނުން ހިފައިގެން މާތް ޙަރަމްފުޅަށް ދެވޭނެ ގޮތެއް ނެތި މާޔޫސްވެފައެވެ. މިއަދު މި ސަރުކާރުން މިވަނީ އެ މާޔޫސްކަން ފިލުވައިދީ، ރައްޔިތުންގެ އިޙްސާސްތަކަށް އިޖާބަދީ، ޙައްޤުވެރިންނަށް އެ ޙައްޤު ހޯދައިދީފައެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙަކީ އިޖުތިމާޢީ ޢަދާލަތާއި ރައްޔިތުންގެ ލާބައަށްޓަކައި އެޅުނު އިންޤިލާބީ ފިޔަވަޅެކެވެ. މީގެކުރިން، ޢުމުރުން 65 އަހަރު ފުރުމުން ނުވަތަ ޖާގަ ލިބޭއިރު 65 އަހަރު ފުރިފައިވާނަމަ ޕެންޝަން ސޭވިންގްސް އެކައުންޓުން ޙައްޖަށް ފައިސާ ދެއްކުމުގެ ދޮރު އޮތީ ބަންދުވެފައެވެ. ނަމަވެސް، ސަރުކާރުން ގެޒެޓުކޮށް ޢަމަލުކުރަން ފެށި އައު ޤަވާއިދާއެކު، ޝަރުޠު ހަމަވާ ކޮންމެ މީހަކަށްވެސް ޢުމުރުގެ ހުރަހެއް ނެތި އެ ފުރުޞަތު ފަހިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ނަޞީބެކެވެ.

މި އިޞްލާޙުގެ ސަބަބުން އންމެ ބޮޑު ފައިދާއެއް ކުރާނީ ދޮށީ ޢުމުރުގެ މީހުން ނުވަތަ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތަކަށެވެ. ޢުމުރުން ދުވަސްވުމުން އަމިއްލަ މަސައްކަތުން ނުވަތަ ދަރިންގެ އަތްމައްޗަށް ބަރޯސާނުވެ، ތިމާ ޚިދުމަތުގައި ހުރެ އެއްކުރި ފައިސާއިން ޢިއްޒަތާއި ޝަރަފާއެކު ފަރުޟު އަދާކުރުމުގެ މިނިވަންކަން ލިބުމެވެ. މީގެއިތުރުން، އެ ފައިސާ ޙައްޖު ކޯޕަރޭޝަނާ ޙަވާލުކުރުމާ ހަމައަށް އިންވެސްޓްކުރެވި، އޭގެ ނަފާ އިތުރުވަމުންދާ ގޮތަށް އޮތުމަކީ ފައިސާގެ ރައްކާތެރިކަން ކަށަވަރުވެގެންދާ ހަރުދަނާ ނިޒާމެކެވެ.

މީގެ އިތުރުން ޙައްޖު ކިއުގައި ތިން އަހަރަށްވުރެ ގިނަ ދުވަހު މަޑުކޮށްފައިވާ ޢުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދީގެން ފުރުޞަތު ދިނުމަށް ނިންމެވި ނިންމެވުމަކީވެސް، ސަރުކާރުގެ ޙިކުމަތްތެރިކަމާއި ރައްޔިތުންނަށް އޮތް އަޅާލުން ވަޒަންކޮށްދޭ ވަރުގަދަ ހެއްކެކެވެ. ދޮށީ ޢުމުރުގެ މީހުންނަކީ ޞިއްޙީ ގޮތުންނާއި ޖިސްމާނީ ގޮތުން އަވަހަށް ބަލިކަށިވާ ބަޔަކަށް ވުމާއެކު، އެމީހުންގެ ހަށިގަނޑުގައި ވަރުހުއްޓައި މި އަޅުކަން ފުރިހަމަކޮށްދިނުމަށް ދިން މި ލުޔަކީ އިންސާނިއްޔަތުކަމުގެ އުސް މިންގަނޑެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޕެންޝަން އޮފީސް އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން މި ގެނައި ހެޔޮ ބަދަލުތަކުން ދައްކުވައިދެނީ، މިއީ ހަމައެކަނި ޤަވާޢިދަކަށް ގެނައި އިޞްލާޙެއް ނޫން ކަމެވެ. މިއީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަދި ރޫޙާނީ ދުޅަހެޔޮކަމަށްޓަކައި މި ސަރުކާރުން އެޅި ލާމަސީލު ފިޔަވަޅެކެވެ. ޒަމާންވީ ކަންބޮޑުވުންތަކަށް ނިމުން ގެނެސްދީ، ކާފާއިންނާއި މާމައިންގެ ދުޢާތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ސަރުކާރުން ދެއްކެވި ސާބިތުކަމާއި ގެންގުޅުއްވި އިންޞާފުވެރި ސިޔާސަތަކީ މުޅި ޤައުމު ފަޚުރުވެރިވުން ޙައްޤު މަސައްކަތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް