އަނެއްކާވެސް މޫސުން ގޯސްވެއްޖެ؛ 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޫސުން ރީތި ދެ ދުވަހަށްފަހު އަނެއްކާވެސް ބޯކޮށް ވާރޭވެހި ވައިގަދަވާން ފަށައިފިއެވެ.
މެއި މަހުގެ ދެވަނަ ހަފްތާ ފެށުނީއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކުރަމުންނެވެ. ނަމަވެސް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މޫސުން ރީތިވެ ކަނޑުތައްވެސް މަޑުވިއެވެ.
މޫސުން ރީތި ދެދުވަހަށްފަހު މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައިގަދަވެ ވިއްސާރަވަމުންދާއިރު، މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ހއ އިން ވ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
އެ ސަރަހައްދަށް ސަމާލު ނެރުނީ މިއަދު 12:00 ހަވީރު 18:00 އަށެވެ.
މެޓް އޮފީހުން ބުނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
އެހެންކަމުން ކަމާބެހޭ އިދާރާތަކުން ވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ. ޚާއްސަކޮށް ކުރިއަށް އޮތީ ޢީދު ކަމަށް ވުމުން މެޓް އޮފީހުން ނެރޭ ސަމާލުތަކަށް ބަލައިގެން ދަތުރުތައް ރޭވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް