ޒަކާތުގެ ގޮތުގައި މިހާތަނަށް އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަކާތް ދެއްކި 24،429 މީހުންގެ ފަރާތުން ވަނީ 1.16 މިލިޔަން އެއްހާ ރުފިޔާ ލިބިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޒަކާތް ދެއްކުމަށް އެ މިނިސްޓްރީން ވަނީ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ އިތުރުން، ބީއެމްއެލް، އިސްލާމިކް ބޭންކް، އުރީދޫ، ދިރާގު، މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. ވިލިމާލޭގައި ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުން އަދި ހުޅުމާލޭގައި އެޗްޑީސީ މެދުވެރިކޮށްވެސް ޒަކާތް ދެއްކެއެވެ. ރަށް ރަށުގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ޒަކާތް ބަލައިގަންނާނީ ރަށު ކައުންސިލުތަކުންނެވެ.
މިހާތަނަށް ފިތުރު ޒަކާތް އެންމެގިނައިން ދައްކާފައި ވަނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށްކަމަށް ތަފާސް ހިސާބުތަކުން ފާހަގަކޮށްލެވެއެވެ.
މާލޭ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ 15ރ.، ތައިލެންޑް ހުދު ހަނޑުލުން ނަމަ 45ރ.، ބާސްމަތީ ހަނޑުލުން ނަމަ 95ރ.، ރަތް ހަނޑުލުން ނަމަ 75ރ.، އާދައިގެ ފުށް ނަމަ 16ރ.، އަދި އާޓާ ފުށް ނަމަ 60 ރުފިޔާއިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް