ޔާމީން ވެރިކަމުގައި ލުތުފީ ރާއްޖެނުގެނެވިފައިވަނީ ކުރީގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެން
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެނައުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ނުގެނެވިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެންކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރ އިމްރާން މިހެން ވިދާޅުވެފައިމިވަނީ ލުޠުފީ ރާއްޖެ ނުގެނެވި ލަސްވަމުންދާ މައްސަލައިގައި، މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
“2014 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މަޢުލޫމާތު ލިބިފައި އެބަހުރި ލުޠުފީ ފިލައިގެން ހުރިތަން. އަދި އޭނާގެ ބައެއް މުއާމަލާތްތަކާއި އުޅެފައި ހުރި ތަންތަން. އަދި އެދުވަސްވަރުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލުޠުފީ އަނބުރާ ގެނައިމަށްޓަކައި މަސައްކަތްތަކެއް ކޮށް، އެކަމުގެ ވަރަށް ފަހު ސްޓޭޖަކާ ހަމައަށް ގެންދެވުނުކަމަށްވޭ.” ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އެކަމަށް އެފްރޫވް ނުލިބިގެންކަމަށެވެ.
“އެހެންނަމަވެސް އޭރުގެ ހޯމް މިނިސްޓްރީގެ ނުވަތަ ހޯމް މިނިސްޓަރުގެ އެޕްރޫވަލްއެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިގެން ގޮސްފައިވަނީ.” ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
2014 ވަނައަހަރުގައި ހޯމް މިނިސްޓަރ އަދާކުރައްވަމުން ގެންދެވީ ބާޢީ ލުތުފީ ހުރިތަން ފަޅާއަރުވާލި އުމަރު ނަސީރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް