އިސްރާއިލްގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ ނަފްތާލީ ބެނެޓް އާއި ޔައީރު ލަޕިޑް
އިސްރާއިލްގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ ނަފްތާލީ ބެނެޓް އާއި ޔައީރު ލަޕިޑް
ދުނިޔެ 28 Apr 2026 | 03:11

ނަތަންޔާހޫ ބަލިކުރުމަށްޓަކައި އިސްރާއީލުގެ ކުރީގެ ދެ ބޮޑުވަޒީރުން ކޯލިޝަން ހަދައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ބަދަލުކުރުމަށްޓަކައި، ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ ނަފްތާލީ ބެނެޓް އާއި ޔައީރު ލަޕިޑް އަންނަ އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން ނިންމައިފިއެވެ.

އާދީއްތަ ދުވަހު މި ދެ މީހުން ނެރުނު ބަޔާނެއްގައި ބުނީ، ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ބަލިކުރުމަށްޓަކައި އެދެމީހުންގެ ސިޔާސީ ޕާޓީ އެއްކޮށްލާފައިވާ ކަމަށެވެ.

ބެނެޓްގެ އޮފީހުން ހާމަކުރި ގޮތުގައި އަލަށް އުފެއްދި މި ޕާޓީގެ ނަމަކީ "ބެޔަހާދު“ އެވެ. އަދި މި ޕާޓީގެ ލީޑަރަކީ ބެނެޓްއެވެ. ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބެނެޓް ބުނީ، މިއީ ގައުމަށްޓަކައި އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމަށާއި، މި އިއްތިހާދުގެ ސަބަބުން ގައުމަށް އާ ޒަމާނެއް އަންނާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލަޕިޑް ބުނީ، ބެނެޓަކީ ކަނާތު ފިޔައިގެ ސިޔާސީ ބޭފުޅެއް ނަމަވެސް، އޭނާއަކީ ތެދުވެރިއެއް ކަމަށާއި އެދެމީހުންގެ މެދުގައި އިތުބާރު އެބައޮތް ކަމަށެވެ. އަދި މިއީ އިސްރާއީލަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ބެނެޓް އިތުރަށް ބުނީ، އެމީހުންގެ ސަރުކާރެއްގައި 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން އިސްރާއީލަށް އެކަން ނުހުއްޓުވުނު ސަބަބުތައް ހޯދުމަށް މިނިވަން ތަހުގީގީ ކޮމިޝަނެއް އުފައްދާނެ ކަމަށެވެ. މިއީ މިހާރުގެ ނަތަންޔާހޫ ސަރުކާރުން ކުރަން ދެކޮޅު ހަދަމުންދާ ކަމެކެވެ. މީގެ އިތުރުން، އީރާނާއެކު ދާދި ފަހުން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ސިޔާސީ ކާރިސާއެއް ކަމަށް ލަޕިޑް ވަނީ ސިފަކޮށްފައެވެ.

ބެނެޓް އާއި ލަޕިޑް ވަނީ މީގެ ކުރިން 2021 ވަނަ އަހަރުގެ ޖޫން މަހުވެސް ކޯލިޝަން ސަރުކާރެއް އުފައްދާފައެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް އެ ސަރުކާރު ދެމިއޮތުމަށްފަހު، އަލުން ނަތަންޔާހޫ ވަނީ ވެރިކަމަށް އައިސްފައެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި، ކުރިއަށް އޮތް އިންތިޚާބުގައި ނަތަންޔާހޫ ބަލިކުރެވޭނެ އެންމެ ވަރުގަދަ ކެންޑިޑޭޓަކީ ބެނެޓްއެވެ. ބެނެޓަކީ ކުރީގެ ކޮމާންޑޯ އޮފިސަރެއްގެ އިތުރުން، ކާމިޔާބު ޓެކްނޮލޮޖީ ވިޔަފާވެރިއެއްވެސް މެއެވެ.

އުމުރުން 76 އަހަރުގެ ނަތަންޔާހޫ އަކީ އިސްރާއީލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރި މީހާއެވެ. އޭނާ ވަނީ އެކި ދައުރުތަކުގައި ޖުމްލަ 18 އަހަރަށްވުރެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކޮށްފައެވެ. އަންނަ އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުގައިވެސް އޭނާގެ ލިކޫޑް ޕާޓީގައި އިސްކޮށް އުޅޭނީ އޭނާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް