ޣައްޒާއަށް މަލާމާތްކުރި ސިކު މީހާ-
ޣައްޒާއަށް މަލާމާތްކުރި ސިކު މީހާ-
ދުނިޔެ 15 Oct 2026 | 03:52

ޣައްޒާގެ ހުރިހާ ޢިމާރާތެއް ސުންނާފަތިނުވެ ހުރެގެން ޖޯކުޖެހި ރެސްޓޯރެންޓް އޯނަރު ބަނގުރޫޓުވާތީ އެހީއަށް އެދި އާދޭސްކުރަން ފަށައިފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ސުންނާފަތިކުރުމަށް ތާއީދުކޮށް، އެ ސިޓީގެ އިމާރާތެއް އަދިވެސް ތަޅާނުލައި ހުރީ ކީއްވެތޯ ސުވާލުކޮށް މަލާމާތްކުރި އިންޑިއާ ނަސްލުގެ ސިކު ރެސްޓޯރެންޓް ވެރިޔާ ހަރްމަން ސިންގް ކަޕޫރް، އޭނާގެ ވިޔަފާރި ބަނގުރޫޓުވާން ކައިރިވެފައިވާތީ އާންމުންގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ފަށައިފިއެވެ.

ކަޕޫރް ހިންގާ "ސިންގްސް ޑައިނިން" ނަމަކަށް ކިޔާ ”ނޮން ހަލާލް“ އިންޑިއަން ރެސްޓޯރެންޓަށް މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައި ވަނީ، މިދިޔަ ސެޕްޓެމްބަރު ފަހުކޮޅު އޭނާ ޢާންމުކުރި ވީޑިއޯއަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެންނެވެ. އެ ވީޑިއޯގައި ކަޕޫރް ވަނީ ފޯނެއް ހިފައިގެން ހުރެ، ޣައްޒާގެ ގޫގުލް އާތް ފޮޓޯއެއް ދައްކައި، ރަތް ބޮޅެއް އަޅާފައިހުރި އިމާރާތެއް ފާހަގަކޮށް، އެ ތަން ތަޅައިނުލައި ބެހެއްޓީ ކީއްވެގެންތޯ ބެންޖަމިން ނަތަންޔާހޫއާއި އިޒްރޭލުގެ ސިފައިންނާ ސީދާ ސުވާލުކޮށްފައެވެ.

ފަލަސްޠީނަށް ތާއީދުކުރާ ގިނަ ބަޔަކު އެ ވީޑިއޯ ސިފަކުރީ ޣައްޒާގައި ހިންގާ ގަތުލުޢާންމަށް މަލާމާތް ކުރުމެއް ކަމަށެވެ. އެކަމާ ގުޅިގެން ގޫގުލް ރިވިއުތަކުގައި އޭނާގެ ރެސްޓޯރެންޓަށް އެއް ތަރި ލިބެންފަށައި، ރެސްޓޯރެންޓުގެ ވެބްސައިޓަށްވެސް ސައިބާ ހަމަލާތަކެއް ދިން ކަމަށް އޭނާ ބުންޏެވެ.

އެއާއެކު އޮކްޓޫބަރު 12 ވަނަ ދުވަހު ޢާންމުކުރި ވީޑިއޯއެއްގައި ކަޕޫރް ވަނީ އޭނާގެ ރެސްޓޯރެންޓް ސަލާމަތްކުރުމަށް އެންމެންގެ ކިބައިން އެދިފައެވެ. ކުލި ނުދެއްކި ހުރި ކަމަށާއި، ޢިމާރާތުގެ ވެރިފަރާތުން ކޯޓު މައްސަލައެއް ހުށަހެޅުމުގެ ބިރު ދައްކަމުންދާ ކަމަށާއި، ގޫގުލް އިން އޭނާގެ ރެސްޓޯރަންޓްގެ ފަސް ތަރީގެ ރިވިއުތައް ޤަބޫލު ނުކޮށް، އެއް ތަރީގެ ރިވިއުތައް ޤަބޫލު ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރިއެވެ.

ފާޑުކިޔާ މީހުން ވަނީ މި ބޮއިކޮޓާ ޣައްޒާ ވީޑިއޯއާ ސީދާ ގުޅުވައިފައެވެ. އެގޮތުން އެއް ފަރާތަކުން ލިޔެފައި ވަނީ "ޣައްޒާގައި ތިބި ކުޑަކުދީންގެ ހިތާމައަށް އޭނާ މަލާމާތް ކުރީ" ކަމަށެވެ. އެހެން މީހަކު ވަނީ ކަޕޫރް ބޮއިކޮޓް ކުރުމަށް ގޮވައިލާފައެވެ.

މިއީ ކަޕޫރްގެ ވިޔަފާރިއަށް ދިމާވި މިފަދަ ފުރަތަމަ މައްސަލައެއް ނޫނެވެ. 2026 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ވަނީ 16 އަހަރު ހިންގި "ރެންގްރޭޒް" ނަމަކަށް ކިޔާ ހެމަރސްމިތުގެ ރެސްޓޯރެންޓް ބަންދުކޮށްފައެވެ. އެ ފަހަރު ސަބަބެއް ކަމަށް ބުނީ ޚަރަދުތައް ބޮޑުވުމާއި، އޮންލައިން ފުރައްސާރައާއި، ފުލުހުންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ނުލިބުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް