މިސްކިތަށް ހަމަލާދިން ޓެރަރިސްޓުގެ ޝަރީޢަތް ފަށާނީ އެޕްރީލް 5 ގައި
ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް ބަޑި ހިފައިގެން ވަދެ 49 މުސްލިމުން ޝަހީދުކޮށްލާ، 87 މީހެއް ޒަހަމްކޮށްލި ޓެރަރިސްޓު ބްރެންޓޮން ޓަރެންޓުގެ ޝަރީޢަތް އެޕްރީލް 5ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ނިއުޒިލޭންޑްގެ ކޯޓަކަށް ހާޒިރުކުރުމުން ފަނޑިޔާރު ވަނީ ބްރެންޓޮން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މީހުން މެރުމުގެ ކުށުގެ ދައުވާއެވެ.
އެތައް ބައެއްގެ ފުރާނަ ދުއްވާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ބްރެންޓޮން އިއްޔެ ކޯޓަށް ހާޒިރު ކުރިއިރު އޭނާ ވަނީ "ވައިޓްޕަވާ" ރަމްޒުކޮށްދޭ ނިޝާނެއް އިނގިލިތަކުން ދައްކާފައެވެ.
ކޯޓު ރޫމުގައި ވެސް ހެވިފައި ހުރި ބްރެންޓޮން އަކީ ބަޑި ގެންގުޅުމުގެ ހުއްދަ ނިއުޒީލޭންޑް ސަރުކާރުން ދޫކޮށްފައިވާ މީހެކެވެ. އަދި އޭނާގެ ނަމުގައި 5 ބަޑިއެއް ރަޖިސްޓަރ ކޮށްފައިވާ ކަމަށް ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް