ޖަޒީރާ ބަޖެޓަށް އަވަސް ކަޅިއެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އާމްދަނީ
ދައުލަތަށް އާމްދަނީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބެނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ.
2019 ވަނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 23.0 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2019 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

ޚަރަދު
ދައުލަތުން ކުރާ ޚަރަދު ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި ރައްޔިތުންނަށް ދެވޭ އެކިއެކި އެހީއަށް ހޭދަވާ ޚަރަދު (ރިކަރަންޓް ޚަރަދު) އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި މެޝިނަރީ ފަދަ ކެޕިޓަލް އައިޓަމްތަކަށް ހޭދަވާ ޚަރަދު (ކެޕިޓަލް ޚަރަދު) އެވެ.
2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 29.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޖުމްލަ ޚަރަދަކީ 26.7 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގެ 62.1 އިންސައްތަ ރިކަރަންޓް ޚަރަދަށް ކަނޑައެޅިފައިވާއިރު 37.9 އިންސައްތައަކީ ކެޕިޓަލް ޚަރަދެވެ.

ބޯހިޔާވަހިކަން
ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 321 މިލިއަން ރުފިޔާ ކަނޑައެޅިފަވާނެއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 60 އިންސައްތަ އަދި ކެޕިޓަލް ޙަރަދުގެ ގޮތުގައި 40 އިންސައްތަ ހިމެނެއެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރެވޭނޭކަމަށް ލަފާކުރެވެނީ އެކިރަށްތަކުގައި ހައުސިންގ ޔުނިޓުތައް އެޅުމުގެ މަޝްރޫއުތަކަށެވެ.މީގެ ތެރޭގައި ލ.ގަން، ޅ.ނައިފަރު، ބ.ތުޅާދޫ އަދި މ. ކޮޅުފުށީގައި ހައުސިން ޔުނިޓުތައް ގާއިމްކުރުމުގެ މަޝްރޫއުތަކަށް 96 މިލިއަން ރުފިޔާއެވެ.
ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ހާއްސަ މަޝްރޫއުއަށް 102 މިލިއަން ރުފިޔާ ކަނޑައެޅިފަވާނެއެވެ.
ޖަމާއަތުގެ ފައިދާއަށް ކުރާ ޙަރަދަށް ބަޖެޓުން 992.1 މިލިއަން ރުފިޔާ ކަނޑައެޅިފަވާއިރު މީގެ އެންމެ ބޮޑު އިންސައްތައެއް ޙަރަދުކުރެވޭނީ ކައުންސިލްތައް ކުރިއެރުވުމަށެވެ. މިއާއި އެކު ފެނުގެ ނިޒާމް ތަރައްގީކުރުމުގެ 36 މަޝްރޫއުއަކަށް 150 މިލިއަން ރުފިޔާ އަދި މަލްޓި ސްޓޯރީ ޕާކިންގ 3 އިމާރާތް ހެދުމަށް 63 މިލިއަން ރުފިޔާ ކަނޑއެޅިފަވެއެވެ. މާލެ ރީޑިވެލޮޕްމަންޓް އަދި އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމަށް 42 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެއެވެ.
ތައުލީމީ ދާއިރާ
2019 ވަނަ އަހަރުގެ ބަޖެޓުގައި ދައުލީމީ ދާއިރާއަށް ހޭދަކުރުމަށް ކަނޑައެޅިފައިވަނީ 3,277 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 2,926 މިލިއަން ރުފިޔާ ހޭދަވާނީ ރިކަރަން ޚަރަދަށް އަދި 360 މިލިއަން ރުފިޔާ ހޭދަވާނީ ކެޕިޓަލް ޚަރަދަށެވެ.
ތައުލީމީ ދާއިރާއަށް ކުރެވޭ ރިކަރަންޓް ޚަރަދުގެ ތެރެއިން 20 އިންސައްތައަކީ ހިންގުމުގެ ޚަރަދު އަދި 11 އިންސައްތައަކީ ސްކޮލަރޝިޕް އަދި ތަމްރީންކުރުމުގެ ޚަރަދެވެ. 2019 ވަނަ އަހަރުގެ ބަޖެޓުގައި މި ދާއިރާއިން އަލަށް ފެށުމަށް ކަނޑައެޅިފައިވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ.
މި ދާއިރާއިން ކުރެވޭ ކެޕިޓަލް ޚަރަދުގެ ތެރެއިން ސްކޫލު ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް 86 މިލިއަން ރުފިޔާ، މެޑިކަލް ސްކޫލު ގާއިމްކުރުމަށް 39 މިލިއަން ރުފިޔާ އަދި ރަށްރަށުގައި ގާއިމްކުރެވިފައިވާ ސްކޫލުތަކުގެ ކްލާސްރޫމްތައް އިތުރުކުރުމާއި ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތަކަށް 84 މިލިއަން ރުފިޔާ ފާހަގަކުރެވެއެވެ.
ދަތުރުފަތުރުގެ ވިއުގަ
އިގުދިސާދީ އަދި ސިނާއީ ކުރިއެއުމަށް ކުރާ ޚަރަދަށް 2019 ގެ ބަޖެޓުގައި ކަނޑައެޅިފައިވަނީ 5,278 މިލިއަން ރުފިޔާއެވެ. މި ބައިގެ ތެރޭގައި ހިމެނެނީ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ކުރިއެރުވުމަށް ކުރާ ޚަރަދާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ހަކަތައާއި ދަތުރުފަތުރު އަދި މުވާސަލާތެވެ. މި ދާއިރާއިން ކުރާ ޚަރަދުގެ 85 އިންސައްތައަކީ ކެޕިޓަލް ޚަރަދަށް ކުރާ ޚަރަދެވެ. އަދި މި ދައިރާއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުކުރޭވެނެކަމަށް ބެލެވެނީ 15 އިންސައްތައެވެ.
މި ދައިރާއިން ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް 1,658 މިލިއަން ރުފިޔާ، 895 މިލިއަން ރުފިޔާ ބަނދަރު ހެދުމާއި، ބަނދަރު މަރާމާތުކުރުމާއި މަގު ހެދުމަށް އަދި ބިން ހިއްކުމުގެ މަޝްރޫއުތަކަށް 375 މިލިއަން ރުފިޔާ ފާހަގަކުރެވެއެވެ.
ސިއްހީ ދާއިރާ
ސިއްހީ ދާއިރާއަށް 2019 ގެ ބަޖެޓުގައި ހޭދަކުރުމަށް ކަނޑައެޅިފައިވަނީ 3,059 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 84 އިންސައްތައަކީ ރިކަރަންޓް ޚަރަދަށް އަދި 16 އިންސައްތައަކީ ކެޕިޓަލް ކަންކަމަށް ކުރެވޭ ހޭދައެވެ.
ރިކަރަންޓް ޚަރަދުގެ ތެރެއިން 21 އިންސައްތައަކީ މެޑިކަލް ކޮންޒިއުމަބަލްސްއަށް ކުރެވޭ ހޭދައެވެ. އަދި ކެޕިޓަލް ޚަރަދުގެ ތެރެއިން ފާހަގަކުރެވޭ ޕްރޮޖެކްޓްތަކަކީ 227 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް 93 މިލިއަން ރުފިޔާ އަދި އެކި ރަށްތަކުގައި ގާއިމްކުރެވިފައިވާ ސިއްހީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްގީކުރުމަށާއި ފުޅާކުރުމަށް 64 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެވެ.
ތިމާވެށި ރައްކާތެރިކުރުން
2019 ވަނަ އަހަރު ރައްކާތެރިގޮތެއްގައި ކުނި މެނޭޖްކުރުމަށް ޖުމުލަ 231 މިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށް ލަފާކުރެވެއެވެ. މިއީ ރިކަރަންޓް ޙަރަދުގެ ގޮތުގައި 5 އިންސައްތަ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 95 އިންސައްތައެވެ. މީގެ ތެރެއިން 140 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުމުގެ މަޝްރޫޢަށެވެ. އަދި 39 މިލިއަން ރުފިޔާ މޯލްޑިވްސް ކްލީން އެނަވަޔަރަންމަންޓް މަޝްރޫއުއަށް އަދި 25 މިލިއަން ރުފިޔާ އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ސަރަހައްދީ ކުނި މެނޭޖްކުރާ ނިޒާމް ގާއިމްކުރުމަށް ޚަރަދުކުރެވޭނެކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން 84 ރަށެއްގައި ނަރުދަމާ ނިޒާމް ތަރައްގީކުރުމަށް 1,153 މިލިއަން ރުފިޔާ އަދި 84 މިލިއަން ރުފިޔާ ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭ މަޝްރޫއުތަކަށް ކަނޑައެޅިފަވެއެވެ. މީގެ ތެރޭގައި ފުވައްމުލަކު ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް 60 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެއެވެ.
އިޖުތިމާއީ ރައްކާތެރިކަން
2019 ވަނަ އަހަރު އިޖްތިމާއި ރައްކާތެރިކަމަށް ކުރެވޭ ޚަރަދަށް ކަނޑައެޅިފައިވާ 3,824 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ ފަރަތްތަކަށް 1,319 މިލިއަން ރުފިޔާ ކަނޑައެޅިފަވާނެއެވެ. ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީގެ ގޮތުގައި 1,293 ބިލިއަން ރުފިޔާ އަދި ރައްޔިތުންނަށް ބޭސްފަރުވާ ކަށަވަރުކުރުމުގެ ގޮތުން އާސަންދައަށް 1,000 މިލިއަން ރުފިޔާ ކަނޑައެޅިފަވާއިރު، އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަގު ހެޔޮކުރުމަށްޓަކައި 1,089 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެއެވެ.
މީގެ ތެރޭގައި ކާބޯތަކެތީގެ އަގު ހެޔޮކުރުމަށާއި، ތެޔޮ، ކަރަންޓު އަދި ކުނި އުކާލުން އަގުހެޔޮކުރުމުގެ ގޮތުނެ ދެވޭފައިސާ ހިމެނެއެވެ. މިގޮތުން މިބަޔަށް ޖުމްލަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 99 އިންސައްތަ ހިއްސާކުރާނެއެވެ.
އެހެނިހެން
ދިފާއީ ކަންތައްތައް ބެލެހެއްޓުން އަދި އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް ޖުމްލަ 3,730 މިލިޔަން ރުފިޔާ ކަނޑައެޅިފައިވާއިރު ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް 79 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މީގެ ތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި 152 މިލިއަން ރުފިޔާ އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 3,579 މިލިއަން ރުފިޔާ ހިމެނެއެވެ.
ރައްޔިތުންނަށް ދެވޭ އާއްމު ހިދުމަތްތަކާއި އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކަށް 7,280 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، މިސްކިތް ބިނާކުރުމަށް 194 މިލިއަން ރުފިޔާ، ކުޅިވަރާ ގުޅޭ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް 64 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައެޅިފައިވެއެވެ. ދަރަނި އަނބުރާ ދެއްކުމަށް 2,888މިލިއަން ރުފިޔާ އަދި ދަރަނީގެ ހިދުމަތުގެ އަގަށް 2,002 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވެއެވެ.
މަސްދަރު: ފިނޭންސް މިނިސްޓްރީ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް