ލީގުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ ބަލިވެއްޖެ
ފްރާންސް ލީގުގައި ލިޔޯންއައި ދެކޮޅަށް ޕީއެސްޖީ ރޭ ކުޅުނު މެޗުގައި 2-1 ކުން އެޓީމް ބަލިވެއްޖެއެވެ.
މިއީ މި ސީޒަނުގެ ލީގުގައި ކުޅުނު މެޗަކުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ޖަހައި ޕީއެސްޖީއަށް ކުރި ހޯދަދިނީ ޑިމާރިއާއެވެ. ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް ލިޔޯންއަށް ކުޅެމުން އަންނަ ފޯވަޑް ޑެމްބެލޭވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗް ކުޅެމުން ދިޔަ ވަގުތު އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއްކަމަކީ ޔުއޭފާ ޗެންޕިއަންސް ލީގުގައި ޕީއެސްޖީއައި ދެކޮޅަށް ކުރިއަށް އޮތް މެޗުގައި ނުކުންނަ މެންޗެސްޓާ ޔުނައިޓެޑްގެ ކެއާ ޓޭކާ ކޯޗް ޝޯލްޝާ އަދި އޭނާގެ އެސިސްޓެން ފެލަން މެޗް ބަލަން ދަނޑަށް ހާޒިރުވެ އިން މަންޒަރެވެ.
ދެވަނަ ހާފް ފަށަައިގެން މާގިނައިރުތަކެއް ނުވަނީސް ލިޔޯންގެ ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ފެކީރްއެވެ. މި ޕެނަލްޓީ ލިޔޯންއަށް ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްބެލޭއަށް ތިއާގޯ ސިލްވާކުރި ފައުލަކައި ގުޅިގެންނެވެ.
މި މެޗުން ބަލިވިކަމުގައިވިޔަސް ޕީއެސްޖީ އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެޓީމަށް 56 ޕޮއިންޓް ލިބިފައިވާއިރު އެންމެ ގާތުން ވާދަކުރާ ލީލްއަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ތިންވަނައިގަ ލިޔޯންއޮތީ 43 ޕޮއިންޓް ލިބިގެންނެވެ.
އަނިޔާއައި ހުރެ ކުޅުމައި ދުރުގަ ހުރި ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއަށް ޔުނައިޓެޑްއައި ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗުގައި ނުފެންނާނެކަން މިހާރުވަނީ ޔަގީންވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް