ޒަމާނީވިޔަސް މަހިބަދޫ އޮތީ ޖަޒީރާކޮށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ތަރައްގީގެ ނަމުގައި ތިމާވެއްޓަށް އެތަކެއް ނޭދެވޭ އަސަރުތައް އިންސާނުންގެ ފަރާތުން ފޯރާ ވާހަކައަކީ އިގްތިސާދީ އިންގިލާބުގެ ޒަމާނުން ފެށިގެން ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައެކެވެ. މި ވާހަކަތައް ފަހަކަށް އައިސް އަޅުގަނޑުމެން ރާއްޖޭގައިވެސް ވަނީ އަޑުގަދަވެ، ދެމެހެއްޓެނިވި ތަރައްގީ އިސްކުރުމަށް އެދި ގޮވާލާ އަޑު ގަދަވެފައެވެ.
ފާއިތުވެގެންދިޔަ ފަސް އަހަރުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުން ފޯރާނޭފަދަ ގިނަ ކަންކަން އާންމު ފަރުދުންނާއި ސަރުކާރުގެ މުއައްސަސާތަކުން ކޮށްފައިވާކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކަށް ވެފައިވަނީ ކޮންކްރީޓް ތަރައްގީއަށްޓަކައި، ގަސްތަކުގެ ފެހިކަން ފަނާކޮށް ނެތިކުރަމުންދާ ވާހަކައެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ޓްވިޓަރގައި އާންމުވި ޕޯސްޓަކުން ވަނީ މިކަން އަބަދުމެ ދެމި ނޯންނާނެފަދަ އުންމީދެއް އާކޮށްދީފައެވެ.
Dhoreh kan'danves, faareh raananves kommehen gas kan'dan nujeheykan Mahibadhooge mi manzaruthakun haamakohdhey. #SaveTrees #SaveEnvironment #SaveMaldives #JazeeraaRaajje pic.twitter.com/9HpeyaUYdI
— ނާޖިހު Naajih (@NaajihDidi) November 10, 2018
ރާއްޖޭގެ ތާރީހާއި ސަގާފަތަށް މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރާ ފަރާތެއްކަމުގައިވާ ނާޖިހު ދީދީ އދ.މަހިބަދޫއަށް ގޮސް ކުރި ޓްވީޓެއްގައި އެރަށުގެ ގެތައް ހަދާފައިވާއިރު، ދޮރާއި ފާރުތަކާއި ދިމާލަށް ހުރި ގަސްތައް ކަނޑާނުލައި، ގޭގެ ދޮރާއި ފާރުން ޖާގަދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު މި ޓްވީޓަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ނާޖިހު ބުނެފައިވަނީ ދޮރެއް ކަނޑަންވެސް، ފާރެއް ރާނަންވެސް ކޮންމެހެން ގަހެއް ކަނޑަން ނުޖެހޭކަން މަހިބަދޫގެ މަންޒަރުތަކުން ހާމަކޮށްދީފިކަމަށެވެ.
މިފަދަ މަންޒަރަކުން ދެމެހެއްޓެނިވި ތަރައްގީއެއް ކުރެވިދާނެ ކަމުގެ މިސާލު ދައްކުވައިދީފި ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މަހިބަދޫއަކީ އެހެން ރަށްތަކުން މިސާލެއްގެ ގޮތުގައި ބަލަންވީ ރަށެއްކަމަށްވެސް ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް