ޕުޓިން ޚަތިމަކަށް ބޮސްދެއްވަނީ
ޕުޓިން ޚަތިމަކަށް ބޮސްދެއްވަނީ
ދުނިޔެ 22 Aug 2024 | 05:28

ޕުޓިން ޚަތިމަކަށް ބޮސްދެއްވާ މަންޒަރަށް، ގިނަ ބައެއްގެ ސަމާލުކަން!

ރަޝިއާގެ ރައީސް  ވްލަޑިމިޔަރ ޕުޓިން ޚަތިމަކަށް ބޮސްދެއްވާ މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ޕުޓިން ވަނީ ބުދަ ދުވަހު ރަޝިއާގެ މުސްލިމުން ގިނަ ސަރަޙައްދެއްކަމުގައިވާ ޗެޗްނިޔާއަށް ކުއްލި ޒިޔާރަތެއް ކުރައްވާފައެވެ. މިއީ 13 އަހަރަށްފަހު ޕުޓިން އެ ސަރަޙައްދަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

ޕުޓިންގެ މި ޒިޔާރަތަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އޭގެ ތެރެއިންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ ޒިޔާރަތުގެ ތެރެއިން ޕުޓިންއަށް ހަދިޔާކުރެވުނު ޤުރުއާން ޚަތިމަކަށް އިޙްތިރާމާއެކު ބޮސްދީ، އޭނާގެ މޭގައި ޖައްސާތަން ފެންނަ ވީޑިއޯއަކަށެވެ.

މި ޒިޔާރަތުގައި، ޕުޓިން، ކަދިރޯވް އަދި ޗެޗްނިޔާގެ މުފްތީއާއެކު، އެ ސަރަހައްދުގެ ވެރިރަށް ގްރޯޒްނީގައި ހުންނަ ޕްރޮފެޓް އީސާ މިސްކިތުގައި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. މިސްކިތަށް ޕުޓިން ކުރެއްވި ޒިޔާރަތުގެ ތެރެއިން ކީރިތި ޤުރުއާންގެ ޚަތިމެއް ވަނީ އޭނާއަށް ހަދިޔާކޮށްފައެވެ.

ޚަތިމް ހަވަާލުކުރެވުމާއިއެކު، ޕުޓިން ވަނީ އިޙްތިރާމުގެ ގޮތުން ޚަތިމަށް ބޮސްދީ، އާއްމުކޮށް މުސްލިމުން ހަތިމަށް އިހުތިރާމް ކުރާ ގޮތަށް މެއާ ކައިރިކޮށްލާފައެވެ.

މި ޒިޔާރަތުގައި ޗެޗްނިޔާގެ މުފްތީ ވަނީ ސޫރަތުލް އަންފާލުން އާޔަތެއް ކިޔަވައި، އޭގެ ރަޝިޔާ ބަހުގެ ތަރުޖަމާ ޕުޓިން އަށް ވިދާޅުވެދެއްވާފައެވެ.

ޕުޓިންގެ މި ޢަމަލުން މުސްލިމު އަޣުލަބިއްޔަތު އޮތް ޗެޗްނިޔާ ސަރަޙައްދާއެކު ރަނގަޅު ގުޅުމެއް ބިނާކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް